ރަޝިއާ އިން ފާއިތުވި އަހަރެއްހައި ދުވަހު ޔޫކްރޭނަށް ދިން ހަމަލާތަކުގެ ސަބަބުން އެގައުމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިމާރާތްތަކާއި، މަގުތައް ފަދަ ތަންތަން އަލުން ބިނާކޮށް ގައުމު އަލުން އާރާސްތު ކުރަން 411 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭނުން ބުނީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތައް ސާފު ކުރުމަށް ވެސް މަދުވެގެން ފަސް ބިލިއަން ޑޮލަރު ޔޫކްރޭނުން ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.

"ރިޕޯޓްގައި ހިމަނާފައިވާ އަދަދުތަކަކީ މިހާރުގެ ހާލަތައް ބަލާއިރު ޚަރަދުތައް ހިނގާނެ އެންމެ މަދު މިންވަރެވެ. ހަނގުރާމަ ކުރިއަށް ދާމިންވަރާއި، އަދި ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލްތައް އިތުރަށް ލިބެމުންދާ މިންވަރަށް ބަލާއިރު ގެއްލުންތައް ފޫބައްދަން ހަރަދު ކުރަން ޖެހޭނެ ފައިސާގެ އަދަދު އަދި އިތުރަށް މަތިވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރޭނަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ގައުމު އަލުން އާރާސްތު ކުރުމަށް ހޭދަކުރަން ޖެހޭނެ މިންވަރު ބަލަން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ޔޫކްރޭން ސަރުކާރާއި ވޯލްޑް ބޭންކް އަދި ޔޫރަޕިއަން ކޮމިޝަނާއި އދ.ގުޅިގެން ކުރި އެސެސްމަންޓަށް ފަހު އޭރު ބުނީ އަލުން ޔޫކްރޭން އާރާސްތު ކުރަން ބޭނުންވާނީ 349 ބިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.

ވޯލްޑް ބޭންކުން އިއްޔެ އާއްމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރަޝިއާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޔޫކްރޭންގެ ދެމިލިއަން ގެ ސުންނާފަތިވެފައިވާ ކަމަށެވެ. އޭގެ އިތުރުން ފަސް ޕަބްލިކް ހެލްތު އިންޓިއުޓަށް ގެއްލުން ލިބިފައި ވެއެވެ. 650 އެމްބިއުލާން ހަލާކު ވެފައި ވާއިރު ކަށަވަރު ކުރެވިފައިވާ ގޮތުގައި ހަނގުރާމައިގައި ވަނީ 9655 އާއްމުން މަރުވެފައެވެ. އޭގެތެރޭގައި 461 ކުޑަކުދިން ވެސް ހިމެނެއެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރޭނަށް ސީދާ ގޮތެއްގައި ލިބެމުންދާ ގެއްލުމުގެ އިތުރުން އެގައުމުގެ އިގުތިސޯދަށް ވެސް އަންނަނީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވަމުންނެވެ. މިއަހަރު ވެސް ޔޫކްރޭނަށް 14 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ނުލިބިއްޖެނަމަ އެގައުމުގެ ސަރުކާރު ހިންގަން ދަތިތައް ކުރިމަތިވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

ހުޅަނގުގެ ގައުމުތަކުންނާއި ޖަޕާން ފަދަ އެހެން ބައެއް ގައުމުތަކުން ޔޫކްރޭނަށް ފައިސާގެ އެހީތައް ދޭނެކަން އިއުލާން ކޮށްފައި ވީނަމަވެސް އެއީ ގައުމު އަލުން އާރާސްތު ކުރަން ބޭނުންވާ ފައިސާގެ އަދަދަށް ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހެއް

    އަފްޣާނިސްތާނާއި އީރާނާ ޔަމަން އަދި ފަލަސްތީން އާރާސްތު ކުރަން ވޯލްޑު ބެންކުން ތަފާސް ހިސާބެއް ނުހަދާތަ؟

  2. ކުއްޖާ

    ވޯލްޑް ބޭންކަކީ މުސްލިމުންނާއިދެކޮޅު ފަސާދައަށް ހިތްވަރުދޭ ޓެރަރިސްޓް ޖަމާއަތެއްކަމަށް ބެލެވެންފަށައިފި.