މި އަހަރު މިހާތަނަށް އިންޑިއާގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ކޮވިޑް-19 އަށް ފައްސިވި ދުވަހަކަށް އިއްޔެ ވެއްޖެއެވެ. އިއްޔެ އެކަނި އިންޑިޔާއިން އިތުރު 1300 މީހުން ކޮވިޑަށް ވަނީ ފައްސިވިއެވެ.

މިއީ މި އަހަރު 24 ގަޑިއިރު ތެރޭ ކޮވިޑަަށް ފައްސިވި މީހުންގެ އަދަދު 1،000 އަށް އަރައިގެން ދިޔަ ދެ ވަނަ ފަހަރެވެ.

އެ ގައުމުގައި އެކި ހިސާބުތަކުގައި 24 ގަޑިއިރުގެ ކޮވިޑްގެ އަދަދުތަކަށް ބަލާއިރު، އިއްޔެ މަހާރާޝްތުރާއިން ވަނީ 334 މީހުން ކޮވިޑަށް ފައްސިވެ، އެކަކު ވަނީ މަރުވެފައެވެ.

ދިއްލީގައި އިއްޔެ 84 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އެ ސިޓީގައި ކޮވިޑް ރޭޓަކީ 5.08 ޕަސެންޓެވެ.

ހިމާޗަލް ޕްރަދޭޝް އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ފައްސިވެފައި ވަނީ 64 މީހެކެެވެ.

މިއާއެކު އިންޑިއާގައި ކޮވިޑަށް ފައްސިވެ މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 7،605 އެވެ. އެއީ ޖުމްލަ ވޭދަނަތަކުގެ 0.02 ޕަސެންޓެވެ.

އެ ގައުމުގައި ކޮވިޑް ޖެޔުނު މީހުންގެ ތެރެއިން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 718 ބަލިމީހުން ރަނގަޅުވުމުން، ޖުމްލަ އަދަދު 4،41،60،997 އަށް އަރާފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގައި ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ ރޭޓް ހުރީ 98.79 ޕަސެންޓުގަ އެވެ.

އަދި އެ ގައުމުގައި އެ ދުވާލަކު ކޮވިޑަށް ފައްސިވާ ރޭޓަކީ 1.46 ޕަސެންޓް ކަމަށްވާއިރު، ހަފްތާއަކު ފައްސިވާ ރޭޓަކީ 1.08 ޕަސެންޓެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ތިން މީހަކު މަރުވެފައިވާ ކަމަށް ޔޫނިއަން ހެލްތު މިނިސްޓްރީގެ މިއަދުގެ ހިސާބުތަކުން ދައްކަ އެވެ.

ގުޖުރާތާއި ކަރްނާޓަކާ އަދި މަހާރާޝްތުރާގައި އެ ތިން މީހަކު މަރުވިއިރު، މިހާރު އެ ގައުމުގައި ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 5،30،816 އަށް އަރާފައެވެ.

އިންޑިޔާ ގައި ކޮވިޑް ވޭދަނައަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ބޮޑުވަޒީރު މޯދީ ރިޔާސަތު ބަލަހައްޓަވައިގެން ބައްދަލުވުމެއް ބާއްވައި، ކޮވިޑްގެ ކަންތައް ފާރަވެރިކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގޮވާލެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު