އެމެރިކާގެ އެކި ކަންކޮޅުތަކުގެ ފާމަސީތަކުން ގަނެފައިވާ އާދަޔާ ހިލާފު ބެކްޓީރިއާއަކުން ތަޣައްޔަރުވެފައިވާ ލޮލަށް އަޅާ ބޭހެއް ބޭނުން ކުރި ތިން މީހަކު މަރުވެ، އަށް މީހެއްގެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ.

ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު އަޕްޑޭޓެއްގައި ވާ ގޮތުން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް 16 ސްޓޭޓެއްގެ 68 މީހަކަށް ސިއުޑޯމޯނާސް އެރުގިނޯސާ ނަމަކަށް ކިޔާ މި "ނާދިރު ސްޓްރެއިން" އާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ބެކްޓީރިއާ އެކުލެވޭ އާޓިފިޝަލް ޓީއާސް އައިޑްރޮޕް ބޭނުންކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ލޮލުގެ ކަޅި ނަގަން ޖެހުނު ކަމަށްވެސް ބުނެފައި ވެއެވެ.

ގްލޯބަލް ފާމާ ހެލްތްކެއާ ބުނެފައިވާގޮތުގައި، އެ ލޮލަށް އަޅާ އާޓިފިޝަލް ޓިއަރސް ލުބްރިކަންޓްއަކީ މިދިޔަ މަހު އެޒްރީކެއާ އާއި ޑެލްސަމް ފާމާ އިން ޑިސްޓްރިބިއުޓް ކުރި އުފެއްދުމެކެވެ. އާންމުގޮތެއްގައި މި އުފެއްދުން ބޭނުންކުރަނީ ލޯ ހިކިހެން ހީވާ މީހުންނަށް ލުބްރިކޭޝަނެއްގެ ގޮތުގައެވެ.

ވޮލްމާޓް، ޓާގެޓް އަދި ސީވީއެސް ހިމެނޭ ގޮތަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި ބޭސް ފިހާރަތަކާއި އެމެޒޯންގައި މި ބޭސް ވިއްކާފައި ވީ ނަމަވެސް، ފަހުން އެ އުފެއްދުންތައް ވަނީ ހަރުތަކުން ނަގާފައެވެ.

ކެލިފޯނިއާ، ނިއުޔޯކް، އިލިނޮއިސް، ޓެކްސަސް އަދި ޕެންސިލްވޭނިއާ ފަދަ 16 ސްޓޭޓެއްގައި އެކަމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ސިއްހީ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ސީޑީސީން އިލްތިމާސް ކުރަނީ އެޒްރީކެއާ ނުވަތަ ޑެލްސަމް ފާމާގެ މި ބޭސް ބޭނުންކޮށްފައިވާ އަދި ލޮލުގެ އިންފެކްޝަނެއްގެ އަލާމާތްތައް ފެނިފައިވާ ބަލި މީހުން ވަގުތުން ފަރުވާ ހޯދުމަށެވެ.

ލޮލުގެ އިންފެކްޝަންގެ އަލާމާތްތަކުގެ ތެރޭގައި ރީނދޫ، ފެހި، ނުވަތަ ލޮލުން ސާފުކޮށް ހުންނަ އެއްޗެއް ބޭރުވުން، ލޮލުގައި ރިއްސުން ނުވަތަ ލޯ ރަތްވުމާއި، ތިބާގެ ލޮލުގައި އެއްޗެއް ވާކަމުގެ އިހުސާސްވުން ފަދަ މައްސަލަތައް ހިމެނެއެވެ.

ގިނަ ވޭދަނަތައް ގުޅިފައިވަނީ ހަތަރު ރީޖަނަލް އިހަލަކާ (ކްލަސްޓާ)އަކާއި ކަމަށާއި އެޒްރީކެއާގެ ޑްރޮޕްސް އަކީ އެއިން ކޮންމެ ގުރޫޕެއްގައި ވެސް ބަލި މީހުން ބޭނުންކުރާ ހަމައެކަނި އުފެއްދުން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު