ހަނގުރާމައިގެ ތެރޭގައި ރަޝިއާއިން ނަގާފައިވާ ޔޫކްރޭންގެ ކުޑަކުދިން އަލުން އާއިލާތަކާއި ގުޅިއްޖެއެވެ.

ޔޫކްރޭންގެ ކުޑަކުދިން އާއިލާތަކާއި ގުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޔޫކްރޭންގެ ކުދިން އާއިލާތަކާއި ހަވާލު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވަނީ "ސޭވް ޔޫކްރޭން" ނަމަކަށް ކިޔާ އެންޖީއޯއަކުންނެވެ.

ރަޝިއާއާއި ޔޫކްރޭން ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ރަޝިއާގެ ސިފައިން ޔޫކްރޭންގެ އެކި ސިޓީތައް ހިފައި، އެސިޓީތަކުގައި ދިރިއުޅޭ ކުޑަކުދިން ނަގާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 16،000 އަށްވުރެ ގިނަ ކުދިން ރަޝިއާއަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ގިނަ ކުދިން ބަހައްޓާފައިވަނީ ކުދިން ބަލަހައްޓާ ކަހަލަ ގެތަކުގައި ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ރަޝިއާއިން ގިނަ އަދަދެއްގެ ޔޫކްރޭން ކުދިން ނަގާފައިވާ ކަމަށް ރިޕޯޓްތަކުން ބުނި ނަމަވެސް ރަޝިއާއިން ވަނީ އެފަދަ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އެމައްސަލައިގައި ބައިނަލްއަގުމާވީ ޖިނާއީ ކޯޓަކުން ވަނީ ރަޝިއާގެ ރައީސް، ވްލަޑްމިއަރ ޕޫޓިން ހައްޔަރު ކުރުމަށް ވެސް އަމުރެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު