އިޓަލީގެ ޖެނޯއާ ސިޓީގެ ހައިވޭ ބްރިޖެއް ކަމަށްވާ މޮރަންޑީ ބްރިޖް ވެއްޓި އެތަށް ބަޔަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.

ބްރިޖް ވެއްޓުނީ އިޓަލީގެ ގަޑިން ހެނދުނު 6 އެއް ޖަހާކަންހާއިރު އެވެ، އެ ބްރިޖު ވެށްޓުމުގެ ސަބަބުން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 26 އަށް އަރާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ، އަދި އެ ހާދިސާގައި މިހާތަނަށް އަނިޔާވެފައިވާ މީހުންގެ އަދަދު 16 އަށް އަރާކަމަށްވެސް ޖެނޯއާގެ ފުލުހުން ބުނެއެވެ.

ބްރިޖުގެ ތަނބުތަކުގެ ދަށުވެފައި 30 އުނޅަދެއްވާކަމަށާއި އޭގެ ތެރޭގައި ބަރު އުނޅަދު ފަހަރު ވެސް ހިމެނޭކަމަށް އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީއިން ބުނެއެވެ.

ބްރިޖު ވެއްޓުމުގެ ސަބަބުން ބްރިޖު ހިމެނޭ ސަހަރައްދުތަކުގެ މީހުން ވަނީ ރަށްކާތެރި ސަަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އެގޮތުން 11 އިމާރާތަކުން 440 އަށް ވުރެ ގިނަ މީހުން ވަނީ ރަށްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ބްރިޖުވެއްޓުނު ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ބްރިޖް ހިފަހައްޓަން ޖަހާފައިވާ ހުރި ޓަވަރުތަކުގެ ތެރެއިން ޓަވަރެއް ވެއްޓޭ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. އަދި ބްރިޖު މަތީގައި އެވަގުތު ދުއްވި ބައެއް ވެހިކަލްތައް ބްރިޖް ދަށުގައި ހުރި ރޭލު ދަގަނޑު މައްޗަށް ވަނީ ވެއްޓިފައެވެ،

ވެއްޓުނު ބްރިޖަކީ 1968 ވަނަ އަހަރު ހަދާފައިވާ ބްރިޖެކެވެ. އަދި އެ ބްރިޖު ހެދި ފަހުން އެކި އަހަރުތަކުގައި ވަނީ ބްރިޖުގެ އެކި އެކި މަރާމާތްތަށް ކުރެވިފައެވެ.

ބްރިޖުގެ ދަށުވެފައިވާ ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އިޓަލީގެ ސަރުކާރާއި އަމިއްލަ ބައެއް ޖަމާއަތްތަށް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.