މެކްސިކޯގެ ޑިޓެންޝަން ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 40 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މެކްސިކޯގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި ޓެކްސަސްގެ އެލް ޕާސޯއިން ބޯޑަރު ހުރަސްކޮށް ހުންނަ ސިއުޑާޑް ޖުއަރޭޒްގެ ފެސިލިޓީއެއްގައި ހިނގި މި އަލިފާނުގެ ހާދިސާ އަކީ އެގައުމުގެ ތާރީހުގައި ވެސް އިމިގްރޭޝަން ލޮކަޕެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

މެކްސިކޯގެ ނޭޝަނަލް އިމިގްރޭޝަން އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި 40 މީހުން މަރުވެ 29 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޒަޚަމްވި މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ފެސިލިޓީގައި ސެންޓްރަލް އަދި ސައުތު އެމެރިކާގެ އުމުރުން ދުވަސްވީ 68 ފިރިހެނުން ތިބި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނާގޮތުން މަރުވި މީހުންގެ ތެރޭގައި ގިނައީ އެމެރިކާއަށް ދިއުމަށް ޑިޓެންޝަން ސެންޓަރުގައި ތިބި ވެނެޒުއެލާގެ ރައްޔިތުން ކަމަށް ބެލެވެއެވެ.

ސިއުދާދު ޖުއާރޭޒްގެ މަރުކަޒުގައި އަލިފާން ރޯވެފައިވަނީ އެގައުމުގެ ގަޑިން 22:00 ހާއިރުއެވެ.

ނުރައްކާތެރި މި ހާދިސާއާއި ގުޅިގެން މެކްސިކޯގެ އެޓާނީ ޖެނެރަލްގެ އޮފީހުން ތަހުޤީގެއް ފަށާފައިވާއިރު، އެތަނުގައި އިންވެސްޓިގޭޓަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.