މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާ އަށް އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން، ވަދެ ހަމަލާ ދިނުމަކީ ރަތް ރޮނގު ހުރަސް ކުރުން ކަމަށް ތުރުކީގެ ބޮޑުވަޒީރު ތޮއްޔިބް އުރުދުޣާން މިރޭ ވިދާޅުވެއްޖެއެވެ.

އިސްރާއީލްގެ ފުލުހުންނާއި ސިފައިން ރެއާއި މިރޭ އަގްސާ މިސްކިތަށް ވަދެ، އަޅުކަމުގައި ތިބި މީހުންނަށް ހަމަލާދީ މަދުވެގެން 400 މީހަކު ހައްޔަރުކޮށްގެން ގެންދިޔައެވެ. އެމީހުން މިހާރު ބައިތިއްބާފައި ތިބީ އިރުމަތީ ގުދުސްގައި ހުންނަ، ފުލުހުން ބަލަހައްޓާ ޖަލެއްގައެވެ. އެމީހުން ހައްޔަރު ކުރީ އަގްސާގެ ތެރޭގައި ނަމާދުކޮށް ގުރުއާން ކިޔަވައި ރޭއަޅުކަން ކުރަން ތިއްބައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން އަގްސާ މިސްކިތުން މުސްލިމުން ފޮނުވާލައިފައެވެ. އަދި މިސްކިތް ދޫކޮށް ދާން ދެކޮޅު ހެދި މީހުންގެ ގައިގައި މުގުރު ބުރިން ތަޅައި ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ.

ތުރުކީގެ ބޮޑުވަޒީރު އުރުދުގާން ވަނީ އިސްރާއީލްގެ ފުލުހުންނާއި ސިފައިން ހިންގި އަނިޔާވެރި އަމަލުތައް ކުށްވެރި ކުރައްވައިފައެވެ. އަދި އިސްރާއީލްގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.

"އަޅުގަނޑު ގޮވާލަން މިދޭ ހަމަލާތައް ވީ އެންމެ އަވަހަކަށް ހުއްޓުމަކަށް ގެނައުމަށް." އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި އަލް އަގްސާ މިސްކިތަށް އިސްރާއީލް ސިފައިން ވަދެފައި ވަނީ ސިޔާސީ ބޭނުމެއްގައެވެ. މިކަމުގައި ތުރުކީ މަޑުން ނޯންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

މި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވީ އެއީ އިސްރާއީލް ސިފައިން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ. އަގްސާ މިސްކިތުގައި އަޅުކަން ކުރުމަކީ އިސްރާއީލް ސިފައިންގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން ކަމަށާއި، އެ ތަނުގައި އަޅުކަން ކުރުމަކީ ފަލަސްތީން ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތް ތެރެއަށް ވަދެ، އެ ތަނުގައި ނަމާދު ކުރަން ތިބޭ މީހުންނަށް އަނިޔާ ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. މި ރޯދަ މަސް ފެށުނު ފަހުން އިސްރާއީލްގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅައިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަނުވާބެ

    އެއްކަލަ ކަމެއް ކުރަން ނުކެރޭ ފުއްޕާ އުރުދުޣާން ދޯ، ތިހެން ކިޔާފަ މަށަށްވެސް އިންޒާރު ދެވިދާނެ، އަމަލުން ކަމެއް ކުރަން ނުކުރޭ އިސްލާމީ ލީޑަރުން

    2
    5