ޗައިނާއިން ސްރީ ލަންކާގެ ރާމާމަކުނުތަކަށް ބޮޑު ޑިމާންޑެއް އޮތް ކަމަށާއި، އެހެންކަމުން ލަންކާ އިން ޗައިނާއަށް ރާމާމަކުނުތައް އެކްސްޕޯޓް ކުރަން ފެށުމުން އޭގެ އާބާދީ ގިނަވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ޒޫތަކަށް ލަންކާގެ ރާމާމަކުނުތައް ފޯރުކޮށްދިނުމަށް ޗައިނާގެ ވަފުދަކުން މިނިސްޓްރީގައި ވަނީ އެދިފައެވެ.

މިއާއެކު އެކަމާއި ގުޅޭ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ. އަދި އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ލައްކަ ރާމާމަކުނު ޗައިނާއަށް ފޮނުވުމާ ގުޅޭ ގޮތުން މިހާރު ވަނީ ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ މަހިންދަ އަމަރަވީރާއެވެ. މި ބައްދަލުވުމުގައި، އެ މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޒޫލޮޖިކަލް ގާޑަންސް އަދި ޑިޕާޓްމަންޓް އޮފް ވައިލްޑްލައިފް ކޮންޒަވޭޝަންގެ އޮފިޝަލުންވެސް ތިއްބެވިއެވެ.

ލަންކާގައި މިހާރު ރާމާމަކުނުގެ އާބާދީ ގާތްގަނޑަކަށް ތިން މިލިއަނަށް އަރައެވެ.

އަދި ރާމާމަކުނަކީ އެގައުމުގެ ދަނޑުވެރިންގެ ދަނޑުތަކަށް އޮތް ނުރައްކަލެއް ކަމަށް އެ މަޝްވަރާތަކުން އެނގިގެން ދިޔަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހެންކަމުން ޗައިނާއަށް ރާމާމަކުނު ފޯރުކޮށްދިނުމާއި ގުޅޭ ހާއްސަ ކޮމެޓިއެއް އުފައްދާ، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ނިންމާފައި ވެއެވެ.

ޗައިނާއިން މިކަމަށް އެދިފައި މިވަނީ ރާމާމަކުނުގެ އާބާދީ ކޮންޓްރޯލް ކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.