މުސްލިމް އަންހެން ކުދިންނަކީ "ނިރުބަވެރިން" ކަމަށް ބުނި މީހާއަށް ބީޖޭޕިގެ ފަރާތުން ކަރްނާޓަކާ ލެޖިސްލޭޓިވް އެސެމްބްލީގައި ވާދަ ކުރުމަށް ޓިކެޓް ދީފިއެވެ.

224 މެމްބަރުން ހޮވުމަށް 10 މެއި ގައި ކަރްނާޓަކާގައި ލެޖިސްލޭޓިވް އެސެމްބްލީގެ އިންތިހާބު ބާއްވާނެއެވެ.

އިންޑިޔާގެ ކަރްނާޓަކާގައި މުސްލިމް އަންހެންކުދިން ބުރުގާ އަޅައިގެން ކޮލެޖްތަކަށް ދިޔުމާއި ދެކޮޅަށް އެންމެ ގަދަޔަށް މަސައްކަތްކޮށް، މުސްލިމް އަންހެން ކުދިންނަކީ ނިރުބަވެރިން ކަމަށް ބުނި ބީޖޭޕީގެ ޔެޝްޕާލް ސުވަރުނާއަށް އިލެކްޝަންގެ ޓިކެޓް ދީފިކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާއަކީ އުދުޕީގެ ސަރުކާރު ކޮލެޖުގެ ޑިވެލޮޕްމެންޓް ކޮމިޓީގެ ނާއިބް ރައީސެވެ. ކަރްނާޓަކާގެ ގާނޫނު ހަދާ މަޖިލިސްގެ އިންތިޚާބުގައި ބީޖޭޕީން ކުރިމަތިލާ ކެންޑިޑޭޓަކަށް ޕާޓީން އޭނާ ހަމަޖެއްސީ އޭނާ ބުރުގާ މައްސަލާގައި މުސްލިމުންނާ ދެކޮޅަށް ނިކުތުމުންނެވެ. މީގެ ކުރިން ޖައްސަޖައްސައިގެން ތިން ދައުރަށް ގާނުނު ހަދާ މަޖިލީހަށް ހޮވުނު މެމްބަރު ވަނީ ސުވަރުނާއަށް ޓިކެޓް ދޭން އިންކާރުކޮށްފައެވެ.

އެހެންނަމަވެސް މިފަހަރު އޭނާއަށް ޓިކެޓް ދިނުމުގެ މައިގަނޑު ސަބަބަކީ މުސްލިމުންނާއި ދެކޮޅަށް އަޑުއުފުލާ މުސްލިމް އަންހެންކުދިން ބުރުގާ އަޅައިގެން ކޮލެޖްތަކަށް ނުވެއްދުމަށް މަސައްކަތް ކުރީތީއެވެ.

ބުރުގާ މައްސަލާގައި ސުޕްރީމް ކޯޓަށް ދައުވާ ވެއްދި މުސްލިމު ހަ އަންހެން ކުދިންނަކީ ސުވަރުނާ ބުނިގޮތުގައި "ނިރުބަވެރިން" ނެވެ. އަދި އޭނާ ބުނެފައިވަނީ އޭނާ މުސްލިމު އަންހެން ކުދިންނާ ދިމާއަށް ބުނި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށެވެ.

ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުން ބުރުގާ އެޅުން މަނާކުރުމުގެ ސިޔާސަތަކީ ބީޖޭޕީން މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ކަންކަމުގެ ތެރެއިން ކަމެކެވެ. އިންޑިޔާގެ ގާނޫނު އަސާސީން ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ހައްގު ލިބިދީފައިވާއިރު ބުރުގާ އެޅުމަކީ އެހައްގުގެ ދަށުން ލިބެންޖެހޭ ހައްގެއްކަމަށް ވަނީ ބުނެފައެވެ.

ސުވަރުނާއަކީ 13 އަހަރު ވަންދެން ހިސާބުގެ މަސްވެރިންގެ ޖަމުއިއްޔާގެ ރައީސްވެސް މެއެވެ. އަދި އޭނާގެ އާއިލާއަކީ ހަރުކަށި ހިންދޫތުވާ ފިކުރުގެ މައި ޖަމާއަތް ކަމަށްވާ އާރްއެސްއެސްއާ ގާތް ގުޅުމެއް އޮންނަ އާއިލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީމަ

    ސުވަރު ނާ ދޯ.. 😁😂😂

  2. ކަހުރަބު

    ލާދީނީ އެމް ޑީ ޕީ ސަރުކާރުން ވެސް އެވޯރޑް ދޭނެ

  3. އެލޮކޮސް

    އެލެކޮސް ކުރުސީ ތީނައަށް އެވަރޑްދޭނެ މޯދީއަށް ދިންގޮތައް

    2
    1
  4. ޖުހާ.

    މީނަވެސް މީ ނިބުރަވެރިއެއް. ދައްޖާލު ހުރިވައްތަރު.