ޕާކިސްތާނުގެ ދެކުނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ކަރާޗީގެ ގާމެންޓް ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވާ ހަތަރު މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރެސްކިއު އޮފިޝަލުންނާއި ފުލުހުން ބުނެފިއެވެ.

މި ފެކްޓްރީގައި ރޯވާން މެދުވެރިވި ސަބަބެއް ނޭނގެއެވެ. ނަމަވެސް މި އަލިފާނުގެ ހާދިސާގައި މުޅި ފެކްޓްރީ އަނދާ ހަލުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، ކުއްލިއަކަށް ފެކްޓްރީން ގަދަ ދުން އަރަމުންވެސް ގޮސްފައި ވެއެވެ. އަދި އަލިފާން ނިއްވާވެސް ލިއެެވެ. ނަމަވެސް ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުން ދަނިކޮށް އެ ފެކްޓްރީ ހިންގާ އިމާރާތް ވެއްޓިފައެވެ.

މީހުން ސަލާމަތް ކުރަމުންދިޔާ މީހުންނަށް ފަޔާ ފައިޓަރުންގެ ހަށިގަނޑުތައް ފެނިފައި ވަނީ އިމާރާތުގެ ބައިތަކުގެ ދަށުންނެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ އެ ސިޓީގެ ސިނާއީ ސަރަހައްދުކަމުން، އެ ސަރަހައްދުގައި އިތުރު ފެކްޓްރީތައްވެސް ހުރެއެވެ. އެހެންވުމުން އަލިފާން ނިއްވުމުގެ މަސައްކަތަށް އެތައް ވެހިކަލެއް އެ ސަރަހައްދަށް ޖަމާވެ، އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

އެ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކަރާޗީއަކީ ދެކުނު ސިންދް ޕްރޮވިންސްގެ ވެރިރަށެެވެ. އެ ހިސާބުގައި މިފަދަ ހާދިސާތައް އާންމުކޮށް ހިނގައެވެ.

އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ކަރާޗީގެ ކެމިކަލް ފެކްޓްރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހުން ވަނީ މަރުވެފައެވެ.

މިފަދަ އެންމެ ނުރައްކާތެރި ހާދިސާއަކީ 2012 ވަނަ އަހަރު ގާމެންޓް ފެކްޓްރީއެއްގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ 260 މީހުން މަރުވި ހާދިސާ އެވެ.

ކިޔުންތެރިންގެ ހިޔާލު