ޓެންޒޭނިއާ އާއި ޒަންޒެބާރު ގުޅާލަން 50 ކިލޯ މީޓަރުގެ ބުރިޖެއް އަޅަން ނިންމައިފިއެވެ.

އެ ބުރިޖު ވެގެން ދާނީ މުޅި އެފްރިކާގެ ވެސް އެންމެ ދިގު ބުރިޖަށެވެ.

އެ ބުރިޖު އަޅަން ނިންމިކަން ޓެންޒޭނިއާގެ ވޯކްސް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު ޖޮއިފްރޭ ކަސަކެންޔާ ވަނީ ހާމަ ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ އެ ބުރިޖު ހަދަން ޗައިނާގެ އޯވަސީޒް އިންޖިނިއަރިން ގްރޫޕް ކޮމްޕެނީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ބެލެވިފައިވާ ގޮތުގައި އެ މަސައްކަތް ހަވާލުކުރުން އެންމެ ގާތީވެސް ޗައިނާގެ ކުންފުންޏަކާއެވެ. އެއީ އެފަދަ ދިގު ބުރިޖުތައް ހެދުމުގައި ޗައިނާގެ ކުންފުނިތައް ތަޖުރިބާ ހުރުމުންނެވެ.

އެ ބްރިޖުގެ ވާހަކަތައް އެންމެ ފުރަތަމަ ދައްކަން ފެށުނީ 2020 ވަނަ އަހަރެވެ. އެހެން ނަމަވެސް އޭރު ގިނަ ބަޔަކު ބުނަމުން ދިޔައީ އެއީ ހަމައެކަނި ހުވަފެނެއް ކަމަށެވެ.

ނަމަވެސް އެކަށީގެންވާ ވަރަށް ފަންޑު ލިބިއްޖެނަމަ އެ ބުރިޖު އެޅިދާނެ ކަން ފަހުން ވަނީ ހާމަވެގެން ގޮސްފައެވެ.

ޓެންޒޭނިއާ އޮންނަނީ އެފްރިކާގެ މައި ބައްރުގައެވެ. އަދި ޒަންޒިބާރު އޮންނަނީ ކަނޑުން ވަކިވެ ތަންކޮޅެއް ދުރުގައެެވެ.

ޒަންޒިބާރުުއަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ތަނެކެވެ. އަދި ޓެންޒޭނިއާއާ ޒަންޒިބާރު ގުޅުވާލުމުން ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ވަނީ ބެލެވިފައެވެ. ހަމަ އެހެންމެ އެކި އެކި މުދާތައް ގެންދިއުމަށް ވެސް ފަސޭހަ ވެގެންދާނެއެވެ.

އެ ބުރިޖު ހަދަން ނިންމުމުން ޓެންޒޭނިއާގެ ބައެއް މީހުން މަރުހަބާ ކިޔަމުން އަންނައިރު، އަނެއްބައި މީހުން ބުނަނީ ބުރިޖުގެ ސަބަބުން ޓެކްސް ދައްކާ މީހުން އިތުރު ހޭދައެއް ކުރަން ޖެހޭނެ ކަމަށެވެ.

އެހާ ދިގު ބުރިޖެއް އަޅަން ޖެހޭ އިރެ އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ޓެންޒޭނިއާއަކީ އެހާ މުއްސަނދި ގައުމެއްވެސް ނޫންކަން ފާހަގަ ކޮށްލެވެއެވެ.