އޮސްޓްރޭލިއާގައި ފުރާވަރު އުމުރުގެ ޒުވާން ކުދިން ވޭޕް ނުވަތަ އީ-ސިގަރޭޓް ބޭނުންކުރާ މިންވަރު ގިނަ ކަމުން، އެ ކަންތައް ކޮންޓްރޯލްކުރުވުމަށް އީ-ސިނގަރޭޓް މަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ހެލްތް މިނިސްޓަރ މާރކް ބަޓްލަރ ވިދާޅުވީ ވޭޕް ކުރުމަކީ މިހާރު އޮސްޓްރޭލިއާގެ މަތީ ސާނަވީ ގްރޭޑްތަކުގައާއި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ މެދުގައި މަދުންނަމަވެސް އިތުރުވަމުންދާ ކަމެއް ކަމަށެވެ.

މާރކް ވިދާޅުވީ ވޭޕިންގއަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އޭގެއިން ދުރުހެލިވުމަށް ފަރުވާއެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެހެން ނަމަވެސް، އޮސްޓްރޭލިއާގެ ޒުވާން ކުދިން ފެޝަނެއްގެ ގޮތުގައި ވޭޕްއަށް އެޑިކްޓްވަމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރައްވާފައިވެއެވެ.

"ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ކަންކޮޅުތަކުން ވޭޕް ހުއްދަކޮށްފައިވަނީ. އެއީ މުނިފޫހިފިލުވުމުގެ އުފެއްދުމެއްގެ ގޮތުގައި ވިއްކާ އެއްޗެއް ނޫން" އޭނާ ވިދާޅުވިއެވެ.

މިކަމާއި ބެހޭގޮތުން އޮސްޓްރޭލިއާގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން މާކް ވިދާޅުވީ ވޭޕް ކުރުން ހުއްދަކުރުމަކީ އޮސްޓްރޭލިއާގެ ތާރީޚުގައިވެސް ހުއްދަ ދެވުނު އެންމެ ބޮޑު "ލޫޕް ހޯލް" ކަމަށެވެ.

މާރކް ވިދާޅުވީ އަންގާރަ ދުވަހަށް ފަހުގައި މިހާ ހިސާބުން އޮސްޓްރޭލިއާގައި ވޭޕް އެތެރެ ކުރެވޭނީ ފާމަސީތަކަށް އެކަނި ކަމަށެވެ. އަދި ފާމަސީތަކުން ވޭޕް ދޫކުރާނީ ޑޮކްޓަރެއްގެ ލަފާގެ މަތިން ދޫކޮށްފައިވާ ބޭސް ސިޓީތަކަށް އެކަނި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އަދި ހަމައެއާއިއެކު، ޒުވާން ކުދިންނަށް އަމާޒުކޮށް ޕްރޮމޯޓްކުރަމުންދާ އެކި ފްލޭވަރތަކާއި އެކި ކުލަކުލައިގެ ވޭޕްތައް ވިއްކުން މަނާކުރުމުގެ އިތުރުން ސިންގަލް ޔޫޒް އަދި ޑިސްޕޯޒަބަލް ވޭޕްތައް ވިއްކުންވެސް އޮސްޓްރޭލިއާގައި މަނާކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހަންމަދު

    ހާދަ ކަޑައޭ. ކޮބާ ޑިމޮކުރަފި! އަސްލު ބޭނުން އެއްޗެއް ބޮވެންޖެހޭނެދޯ!

    • ޕަރުނީތީ

      އަސްލުވެސް. މަވެސް ބޭނުން ދޭތެރެއަކުން ވޮޑްކާއެއް ޖަހާލަން. ރޭނގަޑު ގަންޖާ ކޮޅެއް ދަމާލަން. ކޮބާ މަގޭ ހައްގު؟ ޑިމޮކްރަސީއޭ ކިޔާފަ ހުސް ފޭކް ޖައްސާ މީހުން.

  2. Anonymous

    މިތިބީ ރައްޔިތުންނަށް ހެޔޮއެދޭ ސަރުކާރަކީ.
    ރައްޔިތުންގެ ޞިއްޙަތަށް ގެއްލުން ވާކަންކަމުން ދުރުކުރުމުން. ރާއްޖޭގައި މިގޮތަށް ކަންކަން ކުރެވޭނެ ނަމަދޯ. އެއީ އަދި ވޭޕް. ކިޔާތީ ﷲ ޙަރާމް ކުރައްވާފައިވާ ،ހަށިގަނޑަށް ގެއްލުން ދޭ މަސްތުވާތަކެތި. ބަނގުރާ. ގަދަފަދަ ޢަޒާބު ވާކަމަށް އަންގަވާފައިވާ ،ޙައްދު ޤާއިމު ކުރަން އަންގަވާފައިވާ ކަންތައްތައް. ހުރި ހިތާމައިގެ ބޮޑުކަމާއެވެ. ޅަދަރިން ކޮޅު ހަލާކުވެ ނިމިއްޖެ. އިސްލާމް ދީނުގެ ޢިލްމު އުނގަންނައި ދެއްވުމަށް ،އެޢިލްމު އުނގެނިގެން ހުރި އިސްލާމް ޓީޗަރުވެސް . މިވިޔަފާރީގައި ކަމަށް ޚަބަރުން ފެނުނު. . ހެޔޮވިސްނުން ދެއްވާނދޭވެ . މުޖުތަމަޢު ހަލާކު ކުރާ މިވިޔަފާރީގައި ޙަލާލެއް ޙަރާމެއް ބެލުމެއްނެތި ކުރެވެމުންދާ ފަދައިން ތަވްބާވެ، ހުއްދަ ޙަލާލް ގޮތުގައި ރިޒްޤް ހޯދުމަށް ނަސޭހަތް ތެރިވަން