އިންޑިއާގެ ދިއްލީގެ ތިހާރް ޖަލުގައި ގޭންގްސްޓަރަކު މަރާލި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް އާއްމުވެއްޖެއެވެ. އޭނާ މަރާލިއިރު، 100 އާ ގާތް ކުރާ އަދަދަކަށް އޭނާގެ ހަށިގަނޑުގައި ޒަހަމްތައް ހުއްޓެވެ.

2021 ވަަނަ އަހަަރު ދިއްލީގެ ކޯޓެއްގެ ތެރޭގައި އެހެން ގޭންގްސްޓާރެއް ކަމަށްވާ ޖިޓެންގަރް ގޯގީ މަރާލުމުގެ ފަހަތުގައި ހުރި ކަމަށް ތުހުމަތުގައި ހައްޔަރު ކުރި ޓިއްލޫ ތާޖުޕޫރިޔާ އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު ތިހާރު ޖަލުގެ ތެރޭގައެވެ.

މިހާރު އާއްމުވެފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަނީ ހަ މީހަކު ވެގެން އޭނާއަށް ހަމަލާދެމުންދާ ތަނެވެ. އެގޮތުން އެތައް ފަހަރަކު އޭނާގެ ބޮލަށާއި، ބުރައްކައްޓާއި ކޮޑާއި ކަރަށް ހަމަލާ ދީފައި ވެއެވެ.

އެ ހަމަލާގައި ގޭންގްސްޓާރު އޭނާގެ މޫނު ހިމާޔަތް ކުރަން މަސައްކަތް ކުރި ނަމަވެސް އެ މީހުން ވަނީ އޭނާ ގޮޅިން ނެރެގެން ގެނެސް ހަމަލާ ދީފައެވެ.

ފުލުހުން ބުނީ އޭނާއަށް ހަމަލާދީފައި ވަނީ ގޯގީ ގޭންގުގެ މީހުން ކަމަށާއި، މީހުން އޭނާގެ ގޮޅިއަށް އައީ ޖަލުގެ އެހެން ފަންގިފިލާއަކުން އެ ފަންގިފިލާއަށް ފައިބައިގެން ކަމަށެވެ. އެގޮތުން ބެޑްޝީޓް ބޭނުންކޮށްގެން ދެ މީހަކު މަތިން ތިރިއަށް ފައިބާ މަންޒަރުވެސް ސީސީޓީވީ ފޫޓޭޖް އިން ފެނެއެވެ.

ގޯގީ ގޭންގުން ޖަލުގެ ތެރޭގައި ދިން ހަމަލާއަކީ 2021 ވަނަ އަހަރު ޖިޓެންގާ ގޯގީ މަރާލި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގޯގީ މަރާލާފައި ވަނީ ތާޖްޕޫރިޔާ ގޭންގުގެ ދެެ މީހަކު ވަކީލުންގެ ހެދުން އަޅައިގެން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުތުރު ދިއްލީގެ ރޯހިނީ ކޯޓު ތެރޭގައެވެ.

އޭނާއަށް ހަމަލާދިން ދެ މީހުންވެސް ވަނީ މަރުވެފައެވެ. އެ މީހުން މަރުވެފައި ވަނީ ފުލުހުން ދިން ރައްދުގެ ހަމަލާތަކުގައެވެ.

މިއީ މަހެއްހާ ދުވަހުގެ ތެރޭގައި ތިހާރު ޖަލުގައި ހިނގި މިފަދަ ދެވަނަ މައްސަލަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުލައި

    ބޮލީވުޑް ފިލްމެއް