އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދު މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.2 ގެ ބާރުމިނުގައި އެޤައުމުގެ ސުމަޓްރާގެ ހުޅަނގުން އޮނަނަ ޖަޒީރާ ރަށެއް ކަމަށްވާ ނިއާސް އިލޭންޑްއަށެވެ. މި ބިންހެލުން އައިސްފައިވަނީ އެ ސަރަޙައްދުގެ ބިމުގެ 30 ކިލޯމީޓަރު އަޑިން ކަމަށް އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

ނިއާސް އިލޭންޑްއަށް މިއަދު ބިންހެލުން އައީ، އެޤައުމުގެ ލޮމްބޮކްއަށް ރެކްޓަރ މިންގަނޑުން 4.9 ގެ ބާރުމިނުގައި ބިންހެލުމެއް އައިތާ 20 މިނެޓުވެސް ނުވަނީހެވެ. ނިއާސް އައިލޭންޑަށް ބިންހެލުން އައުމުގެ ވަގުތުކޮޅެއް ކުރިން ސުމަޓްރާގެ ދެކުނުގެ ސަރަޙައްދަކަށްވެސް ރެކްޓަރ މިންގަނޑުން 4.0 ގެ ބާރުމިނުގައި ބިންހެލުމެއް އައެވެ. މި ބިންހެލުންތަކުގެ ސަބަބުން ސުނާމީއެއް އަރާފާގެކަމުގެ އިންޒާރު މިހާތަނަށް ނެރެފައިނުވާއިރު، ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިއަދު އިންޑޮނޭޝިއާގެ އެކި ސަރަޙައްދުތަކަށް ކައިރިކައިރީގައި ބިންހެލުން އަންނަމުންދާއިރު، ފާއިތިވެދިޔަ ދުވަސްތަކުގައި އެޤައުމަށް އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުންތައް އަންނަމުންދާކަން ފާހަނގަކޮށްލެވެއެވެ. އޭގެތެރޭގައި އިއްޔެ ލޮމްބޮކް އައިލޭންޑްސްގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ބެލަންޓިންގެ ހުޅަނގު-ހުޅަނގު ދެކުނު ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައި އާއި 6.3 ގެ ބާރުމިނުުގައި އައި ދެ ބިންހެލުން ފާހަނގަކޮށްލެވެއެވެ. މި ބިންހެލުންތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ހިނގާފައި ވެއެވެ.

މީގެ ދެ ހަފްތާ ދުވަސްކުރިންވެސް ލޮމްބޮކް އައިލޭންޑްސް އަށް ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. އެއީ 7.0 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. އެ ބިންހެލުމާ ގުޅިގެން ބައެއް އިމާރާތްތައް ބިމާ ހަމަވެގެންދިޔައިރު، 400 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. ހަމައެހެންމެ އެތައް ބައެއްގެ ގެދޮރުވެސް، އެ ބިންހެލުމާ ގުޅިގެން ގެއްލިފައިވެއެވެ.

މިއަދު ބިންހެލުން އައި ސުމަޓްރާ ސަރަޙައްދަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ރެކްޓަރ މިންގަނޑުން 9.2 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އައި ސަރަޙައްދެވެ. އެ ބިންހެލުމަކީ މިހާތަނަށް ދުނިޔެއަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރޭގައި ހިމެނޭ ބިންހެލުމެކެވެ. އެ ބިންހެލުމަށްފަހު އުފެދުނު ސުނާމީއެއްގައި ރާއްޖެ ހިމެނޭގޮތަށް އޭޝިއާ ސަރަޙައްދުގެ ގިނަ ޤައުމުތަކުން އެތައް ބަޔަކު ދުނިޔެއާއި ވަކިވެގެން ދިޔައެވެ.

އިނޑޮނޭޝިއާ ހިމެނޭ ސަރަޙައްދަކީ ދުނިޔެ ނުދެކޭހައި ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށް ތަޖުރިބާކަރުން ބުނެފައިވާ ސަރަޙައްދެކެވެ. ބޮޑު ބިންހެލުމެއް އައުމުގެ ކުރިން ބާރުގަދަ ކުދި ބިންހެލުންތައް ގިނަ އަދަދަކަށް މި ސަރަޙައްދަށް އަންނާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯލްޑިވިޔަން

    ދުނިޔެ ނިމެނީ.މުއްލާއިން ބުނާނެ

    • ކިޔާ

      މުއްލާއެއް ނޫން ފުއްލާއެއް ބުންޏަސް ގިނަގިނައިން ބިންހެލުން އައުން އެއީ ގިޔާމަތްކައިރިވެއްޖެކަމުގެ އަލާމާތްތަކުގެތެރޭގަ ހިމެނޭ ކަމެއް.މިއީ ކީރިތި މާތްރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމް އަހަރެމެންނަށް ހަބަރުކުރައްވާފަވާ ކަމެއް.