އިޓަލީވިލާތުގެ ވެރިރަށް ރޯމުގައި ބާރުގަދަ ގޮވުމެއް ގޮވައި ގިނަ އަދަދެއްގެ ވެހިކަލްތަކަކަށް ގެއްލުން ވެއްޖެއެވެ.

މިއީ ކީއްވެ ގޮވި ގޮވުމެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އިޓަލީވިލާތުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ގޮވާފައި ވަނީ ޕާކްކޮށްފައި އޮތް ވެހިކަލެއްގައި އިން އޮކްސިޖަން ސިލިންޑަރެއް ކަމަށް ބެލެވެއެވެ.

ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ބާރުގަދަ ގޮވުމާއިއެކު މަގުމަތީގައި ހުރި ގިނަ ވެހިކަލްތަކެއްގައި ވަނީ އަލިފާން ރޯވެފައެވެ. މިހާތަނަށް ކަށަވަރު ވެފައިވާ ގޮތުގައި ފަސް ކާރަކާއި ހަތަރު ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

އޭގެ އިތުރުން ކައިރީގައި ހުރި ބައެއް ވެހިކަލްތަކަށާއި އިމާރާތްތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. ގެއްލުން ލިބުނު އިމާރާތްތަކުގެ ތެރޭގައި އެސަރަހައްދުގައި ހުރި ބޭސްފިހާރައެއް ވެސް ހިމެނެއެވެ.

ބާރުގަދަ ގޮވުން ގޮވި ސަރަހައްދުގައި ސްކޫލެއް ވެސް ހުރެއެވެ. މިހާރު ވަނީ ސްކޫލުން ކުދިން ހުސްކޮށް ހުރިހާ ކުދިން ވެސް ރައްކާތެރި ސަރަހައްދަކަށް ބަދަލު ކޮށްފައެވެ.

މިގޮވުމާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.