އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް މީހަކު ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފަލަސްތީނު އިސްލާމިކް ޖިހާދުގެ ޖަމާއަތުގެ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ މީގެ ކުރިން ޣައްޒާ ސިޓީ ކައިރީގައި އިސްރާއީލުން ދިން ވައިގެ ހަމަލާގައި އެ ޖަމާއަތުގެ އިސް ލީޑަރަކު ޝަހީދުވެފައިވާ ކަމަށެވެ.

ފަލަސްތީނު އިސްލާމިކް ޖިހާދުގެ ތަރުޖަމާނަކު އޭއެފްޕީއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދު ވެފައި ވަނީ ސީނިއާ ކޮމާންޑަރު އިޔާދު އަލް ހަސަނީ އެވެ.

އިސްރާއީލުން މިއަދު ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޖުމްލަ ދެ މީހަކު ޝަހީދުވެ، ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކާއި ޝިން ބެޓް ސަލާމަތީ އިދާރާއިން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ އެޕާޓްމެންޓަކަށް ދިން ހަމަލާގައި ޝަހީދުވި ޕަލަސްތީންގެ އިސް ފަރާތަކީ އިސްލާމިކް ޖިހާދުގެ އަސްކަރީ ކައުންސިލްގެ އިސް އޮފިޝަލެއް ކަމަށްވާ އޮޕަރޭޝަންތަކާއި ހަވާލުވެ ހުންނެވި ފަރާތެއް ކަމަށެވެ.

އައިޑީއެފް އިން ބުނީ އެ ޖަމާއަތުން އިސްރާއީލާ ދިމާލަށް ދިން ރޮކެޓް ހަމަލާތަކާއި ރޮކެޓް ބެރޭޖްތަކާއި ގުޅޭ ހުރިހާ ނިންމުމެއްގައި އޭނާ ބައިވެރިވި ކަމަށެވެ.

ފާއިތުވި ތިން ދުވަހު ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ އަދަދު ވަނީ ހައަކަށް އަރާފައެވެ. މިތިން ދުވަސް ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީންގެ 33 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލާއި އިސްލާމިކް ޖިހާދާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ވަގުތީ ގޮތުން ނަމަވެސް ހުއްޓާލަން މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މަސައްކަތް ކުރަމުން އެބަގެންދެއެވެ. ނަމަވެސް އެމަޝްވަރާތަކަށް ވެސް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ އިސްރާއީލުން އިސްލާމިކް ޖިހާދުގެ ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލުން ކަމަށް އަލްޖަޒީރާ އިން ބުނެއެވެ. އެހެންވެ އަވަހަށް ސުލްހަ ގާއިމުކުރެވި ހަމަލާތައް ބަދަލުކުރުން ހުއްޓާލެވިދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު