މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، އިސްރާއީލަށް އަމާޒުކޮށް ފަލަސްތީނުގެ ޣައްޒާ އިން 1،099 ރޮކެޓު ހަމަލާ ފޮނުވާލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ބޮން އަޅަން ފެށީ ފަލަސްތީނުގައި ތިބި އިސްލާމިކް ޖިހާދުގެ މުޖާހިދުން "ނެތިކޮށްލަން" ކަމަށް ބުނެއެވެ. އެކަމަކު، މި ހަމަލާތައް ގިނަ ފަހަރު އަމާޒުވެފައި ހުރީ ފަލަސްތީނުގެ ކުށެއް ނެތް މީހުން ދިރިއުޅެމުން އަންނަ ގެތަކަށާއި އިމާރާތްތަކަށެވެ. އޭގެ ރައްދުގައި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ވެސް ދަނީ އިސްރާއީލަށް ހަމަލާތައް ފޮނުވާލަމުންނެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އަންގާރަ ދުވަހުން ފެށިގެން މިއަދު ހެނދުނު އަށެއް ޖެހުމާ ހަމައަށް ފަލަސްތީނުގެ ޣައްޒާ އިން 1،099 ރޮކެޓާއި މޯޓަރު ހަމަލާތައް ފޮނުވާލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 865 ރޮކެޓު ހަމަލާ އިސްރާއީލަށް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން އެއްބަސްވެއެވެ. އަދި ބައެއް ރޮކެޓުތައް ޣައްޒާ އަށް ވެއްޓުނު ކަމަށް ބުނެފައިވެއެވެ. އޭގެތެރެއިން 340 ރޮކެޓު ހަމަލާ އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ނައްތާލާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އަދި އެހެން ރޮކެޓުތައް އަމާޒުވެފައި ވަނީ އިސްރާއީލްގެ އިމާރާތްތަކަށާއި ގެއަށެވެ. މި ހަމަލާތަކުގައި އިސްރާއީލްގެ އެކަކު މަރާލި އިރު، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި މީހުން ދިރިއުޅޭ ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުން ރިޕޯޓުކޮށްފައިވެއެވެ.

ޣައްޒާ އިން ފޮނުވާލި ބައެއް ހަމަލާތައް ހުސް ބިންތަކަށް ވެސް އަމާޒުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުން ބުނެފައި ވަނީ މިހާތަނަށް އައިއިރު، ޣައްޒާގެ 325 ތަނަކަށް ވައިގެ މަގުން ހަމަލާ ދީފައިވާ ކަމަށެވެ. އެއީ އިސްލާމިކް ޖިހާދުގެ ތަންތަން ކަމަށް އިސްރާއީލުން ބުނި ނަމަވެސް، ފޮޓޯތަކުން ފެންނަ ގޮތުގައި މީހުން ދިރިއުޅޭ ގެތަކާއި އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން 33 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އިސްލާމިކް ޖިހާދުގެ ބައެއް ކޮމަންޑާރުން ވެސް ހިމެނެއެވެ. އަދި ކުޑަކުދިންނާއި އަންހެނުން ވެސް ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދު ހަމަލާތައް ބަދަލުތައް ކުރާތާ މިއަދަށް ވަނީ ހަތަރު ދުވަސްވެފައެވެ. ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު، އެފަދަ އެއްވެސް މަންޒަރެއް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާމީ ފޯސް

    ދުވަހަކުވެސް އިސްރާއިލު މީހަކު މަރެއް ނުވާނެ