1. ޓިއުނީޝިއާގެ އިދިކޮޅު ޕާޓީ، އެނާދާގެ ލީޑަރު ރަޝީދު ގަނޫޗީ ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ކޯޓުން އެ ގޮތަށް ހުކުމް ކުރީ ޓެރަރިޒަމްއާ ގުޅުވައިގެން ކުރި ދައުވާ އަކާއި ގުޅިގެން ނެވެ.

ރަޝީދަކީ ޓިއުނީޝިއާގެ ރައީސް ކައިސް ސައީދުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.

ރަޝީދުގެ ވަކީލު ވިދާޅުވީ ރަޝީދަށް ހުކުމް އިއްވީ އޭނާ ޖަނާޒާއެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނެވެ.

އެ ޖަނާޒާގައި ރަޝީދު ވިދާޅުވީ މަރުވެފައިވާ މީހުން ޖައްބާރުންނާއި ވެރިން ދެކެ ބިރު ނުގަންނަ ކަމަށާއި އެ މީހުން ހަމައެކަނި ބިރުުވެތިވަނީ ﷲ އަށް ކަމަށެވެ.

އޭގެ ކުރިން ރަޝީދު ވަނީ އޭނާ ހައްޔަރުކުރަން އުޅުނު ފުލުހުންނަކީ ޖައްބާރުން ކަމަށް ވިދާޅުވެފަ އެވެ.

ރަޝީދު ނިސްބަތްވާ އެނާދާ ޕާޓީއަކީ ކުރިން ޓިއުނީޝިއާގެ ޕާލަމަންޓުގެ މެޖޯރިޓީ ޕާޓީ އެވެ. އެހެން ނަމަވެސް މިހާރުގެ ރައީސް ކައިސް ވަނީ ޕާލަމަންޓް އުވާލައްވައިފަ އެވެ.

ލައިސް ޕާލަމަންޓް އުވާލެއްވުމަށް ފަހު ވަނީ ބާރުތައް ވަރަށް ބޮޑަށް ޖަމާ ކުރައްވައިފަ އެވެ. އަދި އެ ގައުމުގެ ޖުޑިޝަރީގެ ކޮންޓްރޯލްވެސް ވަނީ ނަންގަވައިފަ އެވެ. އެއާއެކު ޓިއުނީޝިއާގެ ޑިމޮކްރަސީ ހަލާކުވެގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

އެހެން ނަމަވެސް ރައީސް ކައިސް ވިދާޅުވަމުން ގެންދަވަނީ އެ ނިންމުން ނިންމަވަން ޖެހިވަޑައިގެންނެވީ ޓިއުނީޝިއާ ދާހިލީ ހަނގުރާމައަކުން ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ވަނީ ޓިއުނީޝިއާގެ ބޮޑެތި ވިޔަފާރިވެރިންނާއި އަދި ކުރީގެ މިނިސްޓަރުންތަކެއް ވެސް ޖަލަށް ލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަގު ގައިސް ސައީދު

    ރިޔާސީ ވަގުން

  2. ދިވެހި ރާއްޖެ، އެމެރިކާ، އިންޑިޔާ، ޕާކިސްތާން ގަވެސް ޑިމޮކްރަސީ އޮތީ ތިގޮތަށް…ބަރާބަރު ޑިމިކްރަސީ ގެ މާނަ އެބަ ގެޓްވޭ…ޖަންގަލީގެ އުސޫލު…

  3. ޖުމުހޫރީ މައިދާނުން

    ސައީދަކީ ބަތަލެއް. ސައީދު ގައުމު ސަލާމަތްކުރީ. ސީސީ މިސްރު ސަލާމަތްކުރީ. ބައްސާރު ދޫނުދިނިމުން ސީރިޔާ ހަލާކުވެދިޔައީ.

    • ޖުހާ.

      ސީސީ އެއީ ގައްދާރެއް. ބައްސާރަކީ ބަތަލެއް.