ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި މިއަދު ޓިއުނީޝިއާއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުން 1-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ މޮޅުވެ އުންމީދު އާކޮށްފިއެވެ.

އެއާއެކު 3 ޕޮއިންޓާއެކު މިހާރު އޮސްޓްރޭލިއާ މިވަނީ ގުރޫޕްގެ ދެވަނަ އަށް ޖެހިލާފައެވެ. ނަމަވެސް ގުރޫޕް ޑީ ގެ އަދި އެއް މެޗު މިރޭ އޮންނައިރު ދެ ޓީމަށްވެސް ކުރިއަށް ދެން އޮތީ އުންދަގޫ ދެ މެޗެވެ.

މިދިޔަ އަންގާރަދުވަހު އޮސްޓްރޭލިއާ އިން މުބާރާތް ފަށާފައިވަނީ ފްރާންސާ ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. ނަމަވެސް ޓިއުނީޝިއާ ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްކޮޑަކާއެކު އޮތް ޑެންމާކް ހިފަހައްޓާ، 0-0 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށްފައެވެ.

މިއީ މި ދެގައުމު ވޯލްޑްކަޕެއްގައި ބައްދަލުކުރި ފުރަތަމަ މެޗެވެ. ޖުމްލަ ދެ ފަހަރު މި ދެ ގައުމު ވަނީ ބައްދަލުކޮށްފައެވެ. 1997 ވަނަ އަހަރު ދެ ގައުމު ބައްދަލުކުރި އެކުވެރިކަމުގެ މެޗުން 3-0 އަކުން އޮސްޓްރޭލިއާ މޮޅުވެފައިވާއިރު، 2005 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ބައްދަލުކުރި މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ޓިއުނީޝިއާ އެވެ.

ޤަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މެޗު ފެށިގެން ފަސް މިނެޓް ހިނގިއިރު ދެފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ދެފަރާތުންވެސް ދިޔައީ އިދިކޮޅުގެ ގޭމްޕްލޭން ދަސްކުރަމުންނެވެ. އެއާއެކު މެޗުގެ އެހާ ހިސާބަށް ދިޔައިރު އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ 10 މިނެޓް ހިނގި އިރު އޮސްޓްރޭލިއާއިން ދިޔައީ އެޓޭކްކުރުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ޓިއުނީޝިއާގެ ޑިފެންސުން ދިޔައީ ވަރަށް ހުށިޔާރުކަމާއެކު މި ހަމަލާތައް ނާކާމިޔާބުކުރަމުންނެވެ.

ޓިއުނީޝިއާއި އޮސްޓްރޭލިއާގެ މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ ފޮޓޯ

ޓިއުނީޝިއާއިން ކައުންޓައެޓޭކްގެ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް އަދި ވަނީ އެންމެ ރަނގަޅަށް އެމީހުންގެ ޕާސިންގް ގޭމް ކުޅެވޭވަރު ނުވެފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ފަހަތުން ވަރަށް ރަނގަޅު ކައުންޓަރ އެޓޭކެއް ފެށުމަށްފަހު މެދުތެރޭން އެ ބޯޅަ ވަނީ އޮސްޓްރޭލިއާގެ ކުޅުންތެރިން ހޯދާފައެވެ. މިއީ އޮސްޓްރޭލިއާއިން ޓިއުނީޝިއާގެ ގޭމްޕްލޭން ދަސްކޮށްފައިވާކަމުގެ ހެއްކެކެވެ. ސަބަބަކީ ޓިއުނީޝިއާ ކައުންޓައެޓޭކަށް އަންނަ ކޮންމެ ފަަހަރަކުވެސް ދަނޑުގެ މެދުތެރޭން އޮސްޓްރޭލިއާގެ ޓީމުން އެމީހުންނަށް ދިޔައީ ހުރަސް އަޅަމުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ މެދާއި ހަމައަށް ދިޔައިރު އޮސްޓްރޭލިއާއިން އެމީހުންގެ ނޯމަލް ކުޅުން ކުުޅެމުން ދިޔައިރު ޓިއުނީޝިއާއިން ބަލަމުން ދިޔައީ ފަހަތުގައި ތިބެގެން އޮސްޓްރޭލިއާ އަތުން ބޯޅަ ހޯދައިގެން ކައުންޓަރ އެޓޭކް ކުރެވޭތޯއެވެ. އެގޮތުން ދެ ބޯޅައެއް ވަރަށް ރަނގަޅަށް ހޯދާ އެމީހުން ވަނީ ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި އުފެއްދި ހަމަލާވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ.

ގުޑްވިން ނަގައިދިން ވަރަށް ރީތި ހުރަހަކުން މިޗެލް ޑޫކް ވަނީ ވަރަށް ރީތިކޮށް ބޮލުން ޖަހާ ގޯލުގެ ވާތު ކަނަށް ބޯޅަ ވައްދާލާފައެވެ. މި ރީތި ގޯލާއެކު މެޗުގެ 23 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިއީ މި މުބާރާތުގެ 50 ވަނަ ގޯލެވެ.

ޑޫކް ގެ ބޯލުުން ގޯލަށް އަމާޒުުކޮށް ހަމަލާއެއް ފޮނުވާލަނީ. މިއީ ވަރަށް ރީތި ގޯލެއް -- ފޮޓޯ: ރޮއިޓާސް

ޑޫކްގެ މި ގޯލާއެކު އޭނާ ވެފައިވަނީ ވޯލްޑްކަޕެއްގައި ބޮޮލުން ޖަހާ ގޯލެއް ކާމިޔާބުކުރި އޮސްޓްރޭލިއާގެ ދެވަނަ ކުޅުންތެރިޔާއަށެވެ. ޓޮމް ކާހިލް ވަނީ 2010 ގައި ސާބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އަދި 2014 ގައި ޗިލީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބޮލުން ދެ ގޯލު ކާމިޔާބުކޮށްދީފައެވެ.

41 ވަނަ މިނެޓްގައި ޓިއުނީޝިއާގެ މުހައްމަދު ޑްރޭގާ ވަނީ ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ހެރީ ސައުޓާ ވަނީ މި ހަމަލާ ބްލޮކް ކޮށްފައެވެ.

44 ވަނަ މިނެޓްގައިވެސް ޑޫކް ވަނީ ބޮލުން ގޯލަށް ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ޓިއުނީޝިއާގެ ކީޕަރު ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ޓިއުނީޝިއާއަށް ވަނީ ނަތީޖާ ހަމަހަމަ ކޮށްލާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޖެބާލީ ނަގައިދިން ހުރަހަކުން ގޯލާއި ވަރަށް ކައިރިން ކެޕްޓަން ޔޫސުފް މްސާކްނީ ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ.

މްސާކްނީ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. މި ހމަލާ ވަނީ ގޯލާއި އަމާޒުވާގޮތް ނުވެފައި -- ފޮޓޯ: ގެޓީ އިމޭޖަސް

ޓިއުނިޝިއާއިން ދެވަނަ ހާފް ފަށާފައިވަނީ ޑްރޭގާ ގެ ބަދަލުގައި ސަސީ އާއިއެކުގައެވެ.

ޓިއުނީޝިއާއިން ދެވަނަ ހާފް ފަށާފައިވަނީ ކުރީ ހާފާއި ހިލާފަށް ވަރަށް ވަރުގަދަކޮށެވެ. އެމީހުން ވަނީ ގޭމްޕްލޭނަށް ބަދަލުތަކެއް ގެނެސްފައެވެ. ފުރަތަމަ ހާފްގައި ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުން އައި ޓިއުނީޝިއާއިން ދެވަނަ ހާފްގައި ދިޔައީ ކުރިއަށް ޖެހި އެޓޭކްކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުރާންސާއެކު ކުޅުނު މެޗާއި ހިލާފަށް މި މެޗުގައި އޮސްޓްރޭލިއާގެ ޑިފެންސްވެސް ވަރަށް ވަރުގަދައެވެ.

ޓިއުނީޝިއާގެ ކުޅުން ވަރަށް ވަރުގަދަކޮށްފައި ވީނަމަވެސް މެޗުގެ 60 މިނެޓް ހަމަވިއިރުވެސް އޮސްޓްރޭލިއާގެ ކީޕަރު ޓެސްޓުކޮށްލެވޭ ފަދަ ހަމަލާއެއް ޓިއުނީޝިއާއަށް އުފެއްދިފައެއް ނުވެެއެވެ.

މެޗުގެ ދެވަނަ ހާފްގެ މެދަކާއި ހަމައަށް ދިޔައިރު ފާހަގަކޮށްލެވުނީ މި މެޗުގައި ދެ ޓީމުންވެސް ފައުލް ގިނަކަމެވެ. ޓިއުނީޝިއާގެ ދެ ކުޅުންތެރިންނަށް ރީދޫ ކާޑުވެސް ވަނީ ދައްކާފައެވެ.

މި މެޗުގައި ފައުލްތައް ގިނަ --ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 71 ވަނަ މިނެޓްގައި އޮސްޓްރޭލިއާއަށް ވަނީ ލީޑް ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެކްލެރެން ވަނީ ލެކީ އަށް ވަރަށް ރީތި ހުރަހެއް ނަގައިދީފައެވެ. ނަމަވެސް ލެކީއަށްވަނީ ކުޑަކުޑަ ތަންކޮޅަކުން މި ހުރަސް މިސްވެފައެވެ.

އޮސްޓްރޭލިއާގެ ގޯލްކީޕަރު ޓެސްޓުކުރެވުނު ފުރަތަމަ ހަމަލާ ޓިއުނޭޝިއާއިން ފޮނުވާލާފައި ވަނީ މެޗުގެ 73 ވަނަ މިނެޓްގައެވެ. މްސާކްނީ ފޮނުވާލި ބޯޅަ ކީޕަރު ރަޔާން ވަނީ މަތަކޮށްފައެވެ.

81 ވަނަ މިނެޓްގައި ޓިއުނީޝިއާގެ އިތުރު ހަމަލާއެއް އޮސްޓްރޭލިއާގެ ޑިފެންސުން ސްޓައުޓާ ވަނީ ދިފާއުކޮށްފައެވެ. 87 ވަނަ މިނެޓްގައިވެސް ޚެނިއްސީ ފޮނުވާލަން އުޅުނު ހަމަލާއެއް ސްޓައުޓާ ވަނީ ނާކާމިޔާބު ކޮށްލާފައެވެ. މި މެޗުގައި ސްޓައުޓާގެ ކުޅުން ވަރަށް ފާހަގަކޮށްލެވެއެވެ.

މެޗުގެ ފަހު މިނެޓްކޮޅުގައި ޓިއުނީޝިއާއިން ވަނީ ކުޅުން ވަރުގަދަކޮށް ވަރަށް ގިނަ ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައެވެ.

މި މެޗުގައި ޓިއުނީޝިއާއިން ވަނީ އޮސްޓްރޭލިއާގެ ގޯލަށް 13 ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން 4 ހަމަލާ ވަނީ އަމާޒަށް ސީދާވެފައެވެ. އަދި އޮސްޓްރޭލިއާއިން 4 ހަމަލާ ފޮނުވާލާފައި ވާއިރު އަމާޒަށް ސީދާވެފައިވަނީ 2 ހަމަލާއެވެ. މެޗުގައި ޓިއުނީޝިއާއަށް 5 ކޯނަރު ލިބިފައިވާއިރު އޮސްޓްރޭލިއާއަށް 2 ކޯނަރު ވަނީ ލިބިފައެވެ.

މި ގުރޫޕްގެ ތިންވަނަ މެޗުގައި ޑެންމާކާއި ފުރާންސް ރާއްޖެ ގަޑިން މިރޭ 9 އެއް ޖަހާއިރު ބައްދަލުކުރާނެއެވެ. އެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓިއުނީޝިއާއަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ހަނިވެގެންދާނެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ ދެން ބައްދަލުކުރާނީ ފްރާންސާއެވެ. އަދި އޮސްޓްރޭލިއާ ބައްދަލުކުރާނީ ޑެންމާކާއެވެ. މި ދެ މެޗުވެސް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ގަޑިން ރޭގަނޑު 8 ޖަހާއިރުއެވެ.