އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ބުރުގާ އަޅައިގެން އުޅޭ އަފްޣާނިސްތާން އަންހެނުންނަށް ވަރަށް އަވަހަށް ދޭނެ ކަމަށް ޠާލިބާނުންނާއި ހަވަލާދީ އަފްޣާނިސްތާންގައި ހަރަކާތްތެރިވާ އެހީދޭ ޖަމާއަތްތަކުން ބުނެފިއެވެ.
އެހީދޭ ޖަމާއަތްތަކަށް ޠާލިބާނުން މިހާރު އަންގާފައިވާ ގޮތުގައި އަފްޣާނިސްތާން އަންހެނުން އެހީދޭ ޖަމާއަތްތަކުގައި މަސައްކަތް ކުރުމުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިން ތައްޔާރުކޮށް، މިހާރު އޮތީ ގައިޑްލައިން ފައިނަލް ކުރުމުގެ މަރުހަލާގައެވެ.
ނަމަވެސް ގައިޑްލައިން ފައިނަލްކޮށް، ގައިޑްލައިން އާއްމު ކުރާނެ ދުވަހެއް އަދި ޠާލިބާނުން ނުބުނެއެވެ.
ހިލޭ އެހީދޭ ޖަމާއަތްތަކުގައި މަސައްކަތް ކުރުން އަފްޣާނިސްތާން އަންހެނުންނަށް ޠާލިބާނުން މަނާ ކުރީ މިދިޔަ ޑިސެމްބަރ މަހު އެވެ. އޭރު ޠާލިބާނުން ބުނެފައި ވަނީ އެނިންމުން ނިންމީ އަންހެނުން ބުރުގާ ނާޅައި އުޅޭތީ ކަމަށެވެ.
އޭގެ ކުރިން ޠާލިބާނުން ވަނީ އަންހެނުން ޔުނިވަސިޓީތަކަށް ދިއުމާއި ގްރޭޑް-6 އަށް ވުރެ މަތީ ގްރޭޑްތަކަށް އަންހެން ކުދިން ދިއުން ވެސް މަނާ ކޮށްފައެވެ.
އަފްޣާނިސްތާންގެ ވެރިކަން 2021 ވަނަ އަހަރު ޠާލިބާނުން އަނެއްކާވެސް ހޯދުމަށްފަހު އަންހެނުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ބުނެއެވެ. އެތުހުމަތާއިއެކު ވަރަށް ގިނަ ފަރާތްތަކުން ވަނީ އަފްޣާނިސްތާނަށް ފޯރުކޮށްދެމުންދާ އެހީތައް މަދުކޮށްފައެވެ. ބައެއް ގައުމުތަކުންނާއި ޖަމާއަތްތަކުން ވަނީ އަފްޣާނިސްތާނަށް އެހީ ދިނުން އެއްކޮށް ހުއްޓާލާފައެވެ.
އަފްޣާނިސްތާންގެ އިގުތިސޯދީ ހާލަތު އޮތް ގޮތުން ބޭރުގެ އެހީއަށް ވަރަށް ބޮޑަށް އާއްމު ރައްޔިތުން ބަރޯސާ ވާން ޖެހެއެވެ. އެހެންވެ އެހީތައް މަދު ކުރުމުން އެކަމުގެ ގެއްލުން ވަމުން ދަނީ އަފްޣާނިސްތާންގެ ރައްޔިތުންނަށެވެ. އެހެންވެ ބައެއް ޖަމާއަތްތަކުން އަންނަނީ ޠާލިބާނުންނާއި މަޝްވަރާކޮށްގެން އެހީ ފޯރުކޮށްދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ﷲ އަކްބަރު،، އިސްލާމީ ހިލާފަތު މިދަނީ ކުރި އަރައިގެން
ޢެންމެ ފަހުން ޖެހޭނީ ހަމަ ދޭން.