ކައިވެނި ޕާޓީއަކަށް މީހުން ގޮވައިގެންދިޔަ ބަހެއް އެކްސިޑެންޓްވެ 10 މީހަކު މަރުވެއްޖެއެވެ.

އެކްސިޑެންޓްވި ބަހަކީ އޮސްޓްރޭލިއާގެ ވައިން ސްޓޭޓެއްގައި ބޭއްވި ކައިވެނީގެ ރިސެޕްޝަނަކުން ދަތުރުކުރަމުން ދިޔަ ބަހެކެވެ.

އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ނިއު ސައުތު ވޭލްސްގެ ފުލުހުންނާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ ސިޑްނީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 180 ކިލޯމީޓަރު ދުރުގައި އޮންނަ ގްރެޓާ ކައިރީގައި އާދީއްތަ ދުވަހުގެ ރޭ 11:30 ހާއިރު ހަންޓާ ވެލީ ވައިން ސަރަހައްދުގައެވެ.

މި ހާދިސާގައި 10 މީހަކު މަރުވެ 25 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. އޭގެ ތެރެއިން ދެ ފަސިންޖަރަކު ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ދެމުންދާއިރު، ހާދިސާ އާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މިހާދިސާ ހިނގި ގޮތް ތަހުގީގުކުރުމަށް ސްޕެޝަލިސްޓް ފޮރެންސިކް ޕޮލިހާއި ކްރެޝް އިންވެސްޓިގޭޝަން ޔުނިޓުން އެ ސަރަހައްދު ބަލަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންޓޮނީ ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ނިއު ސައުތު ވޭލްސްގައި ހިނގި އެންމެ ނުރައްކާތެރި ދެ ބަސް އެކްސިޑެންޓަކީ 1989 ވަނަ އަހަރު ހިނގި އެކްސިޑެންޓެކެވެ. އެ އެކްސިޑެންޓްގައި 35 މީހުންނާއި 21 މީހުން މަރުވި އެވެ. 1973 ވަނަ އަހަރު ޓޫރިސްޓް ބަހެއް ބްރޭކް ފެއިލްވެ، އަޑިއަށް ވެއްޓި 18 މީހުން ވަނީ މަރުވެފަ އެވެ. އެންމެފަހުން އާދީއްތަ ދުވަހުގެ ރޭ ހިނގި ބަސް އެކްސިޑެންޓަކީ ފަހުގެ ތާރީޚެއްގައި އޮސްޓްރޭލިއާގައި ހިނގި އެންމެ ނުރައްކާތެރި ބަސް އެކްސިޑެންޓެވެ.