އޮސްޓްރޭލިއާއިން މެލޭޝިއާއަށް ދަތުރުކުރި މެލޭޝިއަން އެއާލައިންގެ ފްލައިޓެއް އަނބުރާ ސިޑްނީއަށް ޖައްްސާފައި، ބޯޓު ތެރޭގައި ކުއްލި ހާދިސާއެއް ހިނގައިގެން ކަމަށް އިދާރާތަކުން ބުނެފިއެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ފަސިންޖަރަކު ހައްޔަރުކޮށްފައެވެ.

މި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އޮސްޓްރޭލިއާގެ އެންމެ ބާރުބޮޑު އެ އެއާޕޯޓުގައި އެތެރޭގެ އުދުހުންތައް ކެންސަލް ވެގެން ދިޔައިރު، އިތުރު ދަތުރުތަކަށް ވަނީ ލަސްތަކާއި ކުރިމަތިވެފައެވެ.

މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް122، 199 ފަސިންޖަރުންނާއި 12 ފަޅުވެރިންނާއެކު ކުއާލަލަމްޕޫރަށް ދިއުމަށް ގަޑިއިރުގެ ދަތުރަކަށް ސިޑްނީ އެއާޕޯޓުން ފުރި އިރު، އޭގެ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ފަހުން އެނބުރި އަންނަން ޖެހުނީ ފަސެންޖަރެއްގެ ސަބަބުން ކަމަށް އެ އެއާލައިނުން ބުންޏެވެ.

މެލޭޝިއާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ސަލާމަތަށްޓަކައި ފްލައިޓްގެ ކޮމާންޑަރު އެނބުރި ސިޑްނީއަށް ދިއުމަށް ނިންމީ ކަމަށެވެ.

ނައިން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއާބަސް އޭ330 މަރުކާގެ މަތިންދާ ބޯޓުގައި ދަބަހެއް ހިފައިގެން ހުރި ފަސިންޖަރަކު ވަނީ "މަތިންދާބޯޓު ގޮއްވާލާނެ" ކަމުގެ އިންޒާރު ދީފައެވެ. ފަޅުވެރިން އެ ދަބަސް ބަލައި ފާސްކުރިއިރު ބޮމެއް ފެނިފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުން ސިފަކުރި ގޮތުގައި މިއީ ކުއްލި ހާދިސާއެކެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ބާކީ ތިބި ފަސިންޖަރުން ބޯޓު ޖެއްސިތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން ބޯޓުން ނެރެފައިވާ ކަމަށެވެ.

ފަސެންޖަރުން އެހެން ބޯޓެއްގައި ފުރުވާލަން ފަހުން ވަނީ ނިންމާފައެވެ.