ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް މިއަދު ދިން ހަމަލާތަކުގައި އިސްރާއީލްގެ 40 މީހުން މަރާލައި، 700 މީހުން ޒަހަމްކޮށްލައިފިއެވެ.

އިސްރާއީލްގެ ހެލްތު މިނިސްޓްރީ އާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ މިހާތަނަށް އައިއިރު އިސްރާއީލްގެ 779 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. މި މީހުން ޒަހަމްވެފައި ވަނީ ފަލަސްތީނުގެ ޣައްޒާ އިން ފޮނުވާލި ރޮކެޓް ހަމަލާތަކާ ގުޅިގެން ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފައިވެއެވެ.

ޣައްޒާ އިން މިއަދު އެކަނި ވެސް އެތައް ހާސް ރޮކެޓް ހަމަލާތަކެއް ވަނީ ފޮނުވާލައިފައެވެ. ހަމާސް އިން ބުނާ ގޮތުގައި މިހާތަނަށް އައިއިރު، ރަހީނުންގެ ގޮތުގައި އިސްރާއީލްގެ އެތައް ބަޔަކު ތިބީ އެމީހުންގެ ބެލުމުގެ ދަށުގައެވެ. އެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ މީސް މީޑިއާގައި އާންމުވަމުންނެވެ.

އެކަމަކު، މިކަމާ ބެހޭ ގޮތުން އިސްރާއީލުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި މިއީ ހަމާސް އިން ތާރީހުގައި ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އޭގެ ނަތީޖާއަކީ އިސްރާއީލްގެ ސިފައިންނާއި އާންމުންގެ ގިނަ ބަޔަކު އަތުލައިގަނެވުމާއި އިސްރާއީލްގެ ޓޭންކާއި އެ ނޫން ވެސް އަސްކަރީ ވެހިކަލްތައް ހަމާސްގެ ހަނގުރާމަވެރިންގެ އަތް ދަށަށް ގެނެވުމެވެ.

ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. އެގޮތުން އެއް ބަޔަކު ގޮވާ ޒާތުގެ އެއްޗެހިން ހަމަލާ ދިން އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލްގެ ޕޯސްޓުތަކަށް ހަމަލާދީ އެމީހުން ބަލި ކުރިއެވެ. އަދި އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކުގެ އެހީގައި ވަނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ވަދެގަނެ ހަމަލާދީފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ގިނަ އަވަށްތަކެއް މިހާރު އޮތީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައެވެ. ނަމަވެސް އިސްރާއީލު ބުނަނީ ހަމާސް ގެ އަތްދަށަށް ގޮސްފައިވަނީ ބައެއް އަވަށްތައް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ އިސްރާއީލު ވަނީ ކުއްލި ހަނގުރާމައެއްގެ ތެރޭގައި ކަމަށް ބުނެފައެވެ. އެއާ އެކު ދެން ފެނިގެން ގޮސްފައި ވަނީ އިސްރާއީލްގެ އަސްކަރީ ޖެޓްތަކާއި ވައިގެ އުޅަނދުތަކުން ޣައްޒާ އަށް ބޮން އަޅަމުން ދިޔަ ތަނެވެ. ފަލަސްތީންގެ މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި މި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން އެކަނި ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ހަމާސްއިން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މި ހިންގި އަސްކަރީ އޮޕަރޭޝަނަށް ދީފައިވާނަމަކީ "މަސްޖިދުލް އަގްސާ ތޫފާން" މި ނަމެވެ. މިއީ އަގްސާ މިސްކިތާއި ބޭރުގައި އިސްރާއީލް ސިފައިން ތަކުރާރުކޮށް ހިންގަމުންދާ އުދުވާނާ ދެކޮޅަށް ފެށި އޮޕަރޭޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަގީގަތް ވާނީ ހަގީގަތައް

    ތިހުރާ ބާރަކީވެސް އީރާން..

    16
    3
    • ކަލޯ

      މުޖާހިދުންގެ ހުރި ހިތްވަރަކީވެސް ބާރެއް..ހަމައެކަނި އީރާނެއް ނޫން...ގަދަ ހިތްވަރެއްނެތް ވަޅޯތާފަނާ މީހުންނަކަށް ހަނގުރާމައެއް ނުކުރެވޭނެކަން އެނގެން ޖެހޭނެ ކަލޯ..

      13
  2. ފަލަސްތީނާއެކުދިވެހިން

    އަލްޙަމްްދުﷲ ޔަހޫދީ އިސްރާއީލް ނެތިކުރައްވާ ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރު ދެއްވާށި ފަލަސްތީނުގެ ކުށެއްނެތް އެތަކެއް މަައުސޫމް ކަޑަ ކުދިންނާއި ބޮޑެތި މީހުން މަރާފައިވާ ބައިގަނޑެއް ﷲއަކްބަރު

    58
    2
  3. ކަލޯ

    މުޖާހިދުންގެ ހުރި ހިތްވަރަކީވެސް ބާރެއް..ހަމައެކަނި އީރާނެއް ނޫން...ގަދަ ހިތްވަރެއްނެތް ވަޅޯތާފަނާ މީހުންނަކަށް ހަނގުރާމައެއް ނުކުރެވޭނެކަން އެނގެން ޖެހޭނެ ކަލޯ..

    16
  4. އަމަރު

    ހައްދަވާ ބޮޑުކުރެއްވި އިލާހު ޔަހޫދީންބަލިކުރަށްވާ އެބައިމީހުން ނެތިކުރަށްވާންދޭވެ އާމީން.