އިސްރާއީލުން ފަލަސްތީންގެ ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ދެ މީހަކު ޝަހީދުކޮށްލައިފިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ގެންދަނީ ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅަމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 198 މީހަކު ޝަހީދުވެ، 1000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންނަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާ އަމާޒުވެފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދުގައި ހުންނަ ނަސީރް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލްގެ އިތުރުން އެ ތަނުގެ ކައިރީގައި އޮތް އެމްބިއުލާންސަކަށް ވެސް އިސްރާއީލުން ވައިގެ މަގުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގައި ނަރުހަކާއި އެމްބިއުލަންސްގެ ޑްރައިވަރު ވަނީ ޝަހީދުވެފައެވެ. އަދި ބައެއް މީހުންނަށް އަނިޔާ ލިބިފައިވެއެވެ. އޭގެ އިތުރުން އޮކްސިޖަން ސްޓޭޝަނަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ސިއްހީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ކުރެވޭނެ ކަމެއް ނޫން. ހުރިހާ އެންމެންނަށް ގޮވާލަން ސިއްހީ ދާއިރާގެ ވަސީލަތްތަކަށް އިހްތިރާމް ކުރަން. އެއީ އިންސާނުންނަށް ހިދުމަތް ދިނުމަށް ބޭނުން ކުރެވޭނެ ވަސީލަތްތަކެއް،" އިންސާނީ ހައްގުތައް ކަށަވަރު ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްއެސްއެފް އިންޓަނޭޝަނަލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު