ފަލަސްތީންގެ ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރެވޭނެ އެކަމަށް ހާއްސަ ކޮޓަރި ނުވަތަ ތިއޭޓަރު ހުސްވާނެ ވަގުތެއްގައި އިންތިޒާރުގައި އެތައް ބަޔަކު ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާގެ ރިކޮންސްޓްރަކްޓިވް ސާޖަން ޣައްސާން އަބޫ ސިއްތާ ވިދާޅުވީ އޮޕަރޭޝަން ކޮޓަރީގެ އިންތިޒާރުގައި 50 ޕޭޝަންޓުން އެބަ ތިބި ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް މިތިބީ ސިސްޓަމްގެ ކެޕޭސިޓީން ބޭރުގައި،" އޭނާ ވިދާޅުވިއެވެ.

އަލްޝިފާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އަންހެނަކާއި ފިރިހެން ކުއްޖަކު ބިންމަތީގައި މަޑުކޮށްގެން - ގެޓީ އިމޭޖްސް.

އޭނާ ވިދާޅުވީ ސިއްހީ ނިޒާމަށް ލޮޅުން އަރާފައި ވަނީ ހަމައެކަނި ޑީސަލްގެ ސަބަބުން ނޫން ކަމަށެވެ. އަދި ހުރިހާ ސަޕްލައިއެއް މަދުވުމުގެ ސަބަބުން، އެ ނިޒާމް އެއްކޮށް ވެއްޓެން ބާކީ އޮތީ މަދު ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީންގެ ހަމާސް ޖަމާއަތުން ކުއްލިއަކަށް ޔަހޫދީ ދައުލަތަށް ދިން ހަމަލާތަކާއެކު އެޅި ދަތި ކުރުމުގެ އެތައް ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިވެފައެވެ.

ޔަހޫދީ ދައުލަތުން ބުނާގޮތުގައި ޣައްޒާގެ ބެލުމުގެ ދަށަށް ގެންދިޔަ އެ ގައުމުގެ ގާތްގަނޑަކަށް 150 އެއްހާ މީހުން ދޫކޮށްލަންދެން ޣައްޒާއަށް ކަރަންޓާއި އަސާސީ ވަސީލަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްނުދޭނެއެވެ.

މިއާއެކު ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތައް ކަރަންޓުތައް ނުލިބި ގިނަ ހިދުމަތްތަކެއް ވަނީ ހުއްޓިފައެވެ. އަދި އެ ހޮސްޕިޓަލުތަކަށް ކަރަންޓް ލިބޭނެ ހަމައެކަނި ގޮތަކީ ޖެނެރޭޓަރުތަކެވެ. އިއްޔެ ޣައްޒާ އިރުއޮއްސުނުއިރު ޣައްޒާއިން ކަރަންޓް ވަނީ ކެނޑިފައެވެ.