ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި މުޖާހިދުންގެ ޖަމާއަތެއް ކަމަަށްވާ ހަމާސްގެ ކޮމާންޑޯ ފޯސްގެ އިތުރު ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމާށް ޔަހޫދީންގެ ދިފާއީ ބާރުން ބުނެފިއެވެ.

ޔަހޫދީ ދިފާއީ ބާރު އައީޑީއެފް އިން ބުނީ މިދިޔަ ހަފުތާ ބަންދުގައި އެ ގައުމުގެ ނިރިމް އާއި ނީރް އޯޒް ގެ ދެކުނުގެ މުޖުތަމައުތަކަށް ދިން ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި ހަމާސްގެ ކޮމާންޑޯ ފޯސްގެ އިތުރު ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

އައިޑީއެފް އިން ބުނީ ޝިން ބެޓް ސެކިއުރިޓީ އެޖެންސީ އާއި މިލިޓަރީ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ އިންޓެލިޖެންސް މަސައްކަތުން، ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެފައި ނުޚްބާ ޔުނިޓްގެ ދެކުނު ޚާން ޔުނިސް ބެޓެލިއަންގެ ކޮމާންޑަރު ބިލާލް އަލް-ކެދްރާ ކަމަށެވެ.

"ކިބްބުޓްޒް ނިރިމް އާއި ނީރް އޯޒްގައި ހިންގި މީހުން މަރާލުމުގެ ރެއިޑްގެ ޒިންމާ އުފުލަން ޖެހޭނީ އޭނާ،" އައިޑީއެފް އިން ބުނެފައި ވެއެވެ.

އައިޑީއެފް އިން ބުނެފައިވާގޮތުގައި ހަމާސްގެ ކޮމާންޑް ސެންޓަރުތަކާއި އަސްކަރީ ކޮމްޕައުންޑްތަކާއި ރޮކެޓް ލޯންޗާތަކާއި އެންޓި ޓޭންކް މިސައިލް ލޯންޗް ޕޯސްޓުތަކާއި އޮބްޒަވޭޝަން ޕޯސްޓްތައް ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ ޓާގެޓަށް ރޭގަނޑު ވަނީ ހަމަލާ ދީފައެވެ.

އަދި އެ ވައިގެ ހަމަލާތަކުގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ އިތުރު ގިނަބަޔަކު ޝަހީދުވެފައިވާ ކަމަށް އައިޑީއެފް އިން ބުނެފައި ވެއެވެ.