އިލެކްޓްރިކް ވީލްޗެއާއެއްގައި ހޮންގކޮންގ އަށް 11 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްގައި މީހަކު އަތުލައިގަނެފިއެވެ.

ވީލްޗެއާގައި އެތެރެ ވި މީހާ އައީ ފްރާންސުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިކަން ފަޅާ އަރާފައި ވަނީ ސްކްރީން މަރުހަލާގެ ތެރެއިން ޝައްކު އުފެދިގެން ބެލި ބެލުމުން 11 ކިލޯގެ ކޮކެއިން ވީލްޗެއާގެ ސީޓްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނިގެންނެވެ.

މި މައްސަލައިގައި އެ މިހާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާ އުމުރަށް ޖަލަށް ލާނެއެވެ. އޭނާ ހޮންކޮންގަށް އެތެރެ ވި އިރު ގެނައީ ދެ ލަގޭޖެވެ. އަދި އެތަނުން ވީލްޗެއާގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް އެއާޕޯޓުގެ އޮފިޝަލުންނަށް ޝައްކު ކުރެވުނީ ގޮޑީގެ ކުޝަން އަލުން ފަހާފައި ހުރިކަން ފާހަގަ ކުރެވުމުންނެވެ.

ހިނގުމުގެ ދަތިކަމެއް ހުންނަ އުމުރުން 51 މީހާއާ ހަވާލާދީ ހަބަރުތައް ބުނާގޮތުން އޭނާ އެ ވީލްޗެއާ އަކީ އޭނާ ރައްޓެއްސަކު ދިން އެއްޗެކެެވެ. އަދި އޭނާ އަކީ ކާރު ހަދާ ކުންފުންޏެއް ހިންގާ މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

ދުނިޔޭގެ ގިނަ އެއާޕޯޓްތަކެއް ފަދައިން ހޮންގކޮންގް އެއާޕޯޓަކީވެސް ވެސް ސެކިއުރިޓީ ވަރުގަދަކޮށް އޮންނަ އެއާޕޯޓެކެވެ. އެ އެއާޕޯޓަށް އެތެެރެވި 178 މީހެއްގެ މަތިން މިދިޔަ އަހަރު އެކަނިވެސް 931 ކިލޯގެ ޑްރަގް އަތުލައިގަނެފައި ވެއެވެ.

މީގެ ކުރިން އެއާޕޯޓްތަކަށް ވީލްޗެއާގައި ފޮރުވައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލަތައް ފެންމަތިވެފައި ވެއެވެ.