އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އިންސާނީ އެތައް ހައްގަކުން މަހްރޫމްވެ، ފުރާނަ އަށް ނުރައްކާވާ ހާލަތުގައި ތިބީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށެވެ. ބޮންތަކުން ސަލާމަތްވާން އެގައުމުގެ ރައްޔިތުން އަންނަނީ ރައްކާތެރިވެވޭނެހެން ހީވާ ހުރިހާ ދިމާއަކަށް ފިލައިގެން ދަތުރުކުރަމުންނެވެ. އޭގެ ތެރެއިން އެއް ސިޓީއަކީ ޣައްޒާގެ ޚާން ޔޫނިސްއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޚާން ޔޫނިސް އަށް ފަލަސްތީނުގެ އުތުރުން ލައްކައެއްހާ މީހުން ވަނީ ރައްކާތެރިވުމަށް ހިޖުރަކޮށްފައެވެ. އެމީހުން އައީ ދިރިއުޅޭ ސަރަހައްދުން ގެނެވެން އޮތް ހުރިހާ އެއްޗެއް ހިފައިގެންނެވެ. ތެޔޮ ލިބޭ ހާލަތުގައި ތިބި ފަރާތްތަކުން ވެހިކަލްތަކުގައި އެހި ސާބަށް އައިއިރު، އަނެއްބައި މީހުންއައީ އަސްފަދަ ތަކެއްޗަށް ސަވާރުވެގެން ކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ފައިމަގުގައި ވެސް އެތައްހާސް ބަޔަކު އެސަރަހައްދަށް ޖަމާވެފައިވާކަމަށް ވެއެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ހިޖުރަ ކުރަނީ. -- ފޮޓޯ: ގެޓީ އިމޭޖަސް

ކުއްލިއަކަށް ޚާން ޔޫނިސްގައި ދިރިއުޅޭ އާބާދީ ދެގުނަ އިތުރުވެދާނެކަމަށް ސަމާލުވެގެން އެ ސަރަހައްދުގައި އެއްވެސް ވަރަކަށް ފިޔަވަޅުތައް އެޅިފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ކުއްލިއަކަށް މި ސިޓީގެ އާބާދީ އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުންނަށް ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެއްޗާއި ކާނާއާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް އެތައް ދަތިތަކާ ކުރިމަތިވެ މުޅި ސިޓީގެ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި ވާކަމަށް ރިޕޯތުކޮށްފައި ވެއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެތައްހާސް ބަޔަކު ރައްކާތެރިވުމަށް ޚާން ޔޫނިސް ސިޓީއަށް ޖަމާވުމުގެ ސަބަބުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތްތަކުގެ ކޮޓަރިތައް ފުރި، ހިނގާބިނގާވެ އުޅޭ މަގުތަކުގައި ވެސް އެތައް ހާސް ބަޔަކު ނިދަން ޖެހިފައި ވެއެވެ. މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

ހާމާސްއިން ހާމަކޮށްފައިވާ ޚާން ޔޫނިސް ސިޓީގެ އާބާދީއަކީ 400،000 ނަމަވެސް، އިސްރާއީލުން ފަލަސްތީނުގެ އުތުރު ސަރައްދުތައް ދޫކޮށް ދިއުމަށް ދެމުންދާ އިންޒާރުތަކުގެ ސަބަބުން ރައްކާތެރިވުމަށް ހިޖުރަކުރި މީހުންނާއެކު ޚާން ޔޫނިސް ސިޓީގެ އާބާދީ ވަނީ 1.1 މިލިއަނަށް އަރައިފައެވެ.

ޚާން ޔޫނިސްގައި ހުންނަ އދ. ގެ ސްކޫލެއްގައި އަންހެނަކު ކައްކަނީ. --- ގެޓީ އިމޭޖަސް

މިހާރު މެދު އިރުމަތީގައި އިސްރާއީލާއި ފަލަސްތީނުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ޔަހޫދީ އިސްރާއީލުން ވަނީ ފަލަސްތީނުގެ ޣައްޒާއަށް ފޯރުކޮށްދެމުން އައި ފެނާއި ތެޔޮ ދިނުން ހުއްޓާލާފައެވެ. އަދި އެހެން ގައުމުތަކުން އެހީގެ ގޮތުގައި ފެނާއި ތެޔޮ އަދި ކާބޯތަކެތި ދިނުމަށް ވެސް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ. މީގެއިތުރުން އިސްރާއީލުން ވަނީ ފަލަސްތީނު އެންމެ ކުރިން އޮތްގޮތަށް ދުވަހަކުވެސް އިއާދަ ނުވާނެކަމަށާއި އެކަން ވިޔަކަ ވެސް ނުދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.

ޚާން ޔޫނިސް ސިޓީގެ އާބާދީ އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ކަމާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި މި ސިޓީއަށް މިހާ ގިނަ އަދަދެއްގެ މީހުން ހިޖުރަކުރަން ޖެހުނީ، 2014 ވަނަ އަހަރު މި ދެގައުމުގެ ދެމެދުގައި ކުރެވުނު ހަނގުރާމާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު، ފަލަސްތީނުގެ އުތުރަގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުގެ އަސްކަރީ ބާރުތަކުން ދެމުންދާ އިންޒާރުތަކުގެ ސަބަބުންނެވެ.

މި ސިޓީގެ އާބާދީ އިންތިހާއަށް ކުއްލިއަކަށް އިތުރުވުމުގެ ސަބަބުން ފެނާއި ކާބޯތަކެތި ނުލިބި އެތައް ބަޔަކު ބަނޑުހައި ހޫނުކަމުގައި ވަކިވެދާނެކަމުގެ ކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ. މީގެއިތުރުން ހަނގުރާމާގައި ޒަހަމްވެފައިވާ މީހުންނާއެކު މި ސިޓީގެ ހޮސްޕިޓަލްތައް ވެސް ފުރިފައިވާކަމަށް ރިޕޯޓުކޮށްފައި ވެއެވެ. މިކަންކަމުގެ ސަބަބުން މުޅި ސިޓީގެ ހާލަތު ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓި ގޮތް ހުސްވެފައި ކަމަށް އެ ސަރަހައްދުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލުން މީޑިއާތަކަށް ވަނީ ކިޔައި ދީފައެވެ.