ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ އިތުރު ސިފައިންތަކެއް މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިރޭ ބުނި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލްގެ އިތުރު ދެ ސިފައިން ވަނީ މަރާލައިފައެވެ. އެހެންވެ، މި ހަނގުރާމައިގައި މިހާތަނަށް އައިއިރު، އިސްރާއީލްގެ އަސްކަރިއްޔާގެ 302 ސިފައިން ވަނީ މަރާލައިފައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،400 އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރާލައިފައެވެ. މި ހަމަލާތަކުގައި 3،842 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 369 މީހުންނަށެވެ. އަދި 90 މީހެއްގެ ހާލު ސީރިއަސް އިރު، 191 މީހުންގެ ހާލު ގޯސް ނޫން ކަމަށާއި 89 މީހަކަށް ލިބިފައި ވަނީ ކުދި ކުދި އަނިޔާތަކެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.