ޔަހޫދީ އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންގެންދާ ވައިގެ ހަމަލާތަކުގައި މިއަދު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 121 އަށް އަރައިފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އަދި މިހާރު އިސްރާއީލުން ހަމައެއް ލަމައެއް ނެތި އެކި ތަންތަނަށް ބޮން އަޅަމުންނެވެ. މިގޮތުން މިއަދުވެސް ޣައްޒާގެ އެތައް އިމާރާތަކަށް ބޮން އެޅިއިރު، ޣައްޒާގެ ހޮސްޕިޓަލެއް ކައިރިއަށާއި، ސްކޫލެއް ކައިރިއަށްވެސް ވަނީ ބޮން އަޅާފައެވެ.

މެޑިކަލް އޮފިސަރުން އަލްޖަޒީރާއަށް ބުނީ މިހާތަނަށް 121 މީހުން ޝަހީދުވެ 540 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 3،480 މީހުން ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާއިރު، ޝަހީދުވި މީހުންގެ ފަހުގެ އަދަދުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން އެ ގައުމުން ޝަހީދުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލަށް އަމަޒުކޮށް ހަމާސް ޖަމާއަތުން ދިން ހަމަލާގައި 1400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.