ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލް އަސްކަރިއްޔާގެ 24 ވެހިކަލެއް މިދިޔަ ދެ ދުވަހުގެ ތެރޭގައި ފުނޑާލާފައިވާނެ ކަމަށް ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލް-ޣައްސާމް ބްރިގޭޑްސް އިން މިރޭ ހާމަކޮށްފިއެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި އިސްރާއީލްގެ އަސްކަރިއްޔާ އަށް ލިބިފައިވާ ގެއްލުންތައް ބޮޑު ކަމަށެވެ. އަދި އެމީހުންނަށް ލިބިފައިވާ ގެއްލުންތައް ފެނިފައި ކުއްލި ހައިރާންކަމެއް ލިބިފައިވާ ކަމަށް ވެސް އަބޫ އުބައިދާ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ދެ ދުވަހުގެ ތެރޭގައި ވެސް އިސްރާއީލްގެ އަސްކަރިއްޔާގެ 24 ވެހިކަލެއް ފުނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޣައްޒާގެ އެކި ހިސާބުތަކުގައި ހަމާސްގެ މުޖާހިދުން އިސްރާއީލް ސިފައިންނާ ކުރިމަތިލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލް ސިފައިންނަށް ވެސް ލިބޭ ގެއްލުން ހަނގުރާމައިގައި ބޮޑެވެ. އެކަމުގެ ހެކި ވީޑިއޯތަކާއި ފޮޓޯތަކާ އެކުގައި ކުރިއަށް އޮތް ގަޑިތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި، އެއްގަމު މަގުން އަރައިގަތީ ހަމާސް އިން މިދިޔަ މަހުގެ 7 ވަނަ ދުވަހު ދިން ކުއްލި ހަމަލައާ ގުޅިގެންނެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އަރައި 1،400 މީހުން މަރާލިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ. އެއްގަމު މަގުން ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލްގެ 29 ސިފައިންގެ މީހުން ވަނީ މަރާލައިފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ހަމަލާ ދޭން ޖެހުނީ ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުން އަންނަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަސްޖިދުލް އަޣްސާގެ ހުރުމަތް ކަނޑާލުމާއި ފަލަސްތީނުގެ ރައްޔިތުން ކުށެއް ނެތި ހައްޔަރު ކުރުމަކީ ހަމާސް އަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ބޮން އަޅައި ޣައްޒާ އަށް ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް އައިއިރު، 9،485 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އެގޮތުން 3،900 ކުޑަކުދިންނާއި 2،430 އަންހެނުން ޝަހީދުވެފައިވެއެވެ. މި ހަމަލާތަކުގައި 3،155 ފިރިހެނުން ޝަހީދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޢއ