ބޮން އަޅާނެ ކަމުގެ އިންޒާރު ދީ ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެއް ހުސްކުރަން އިސްރާއީލުގެ އަސްކަރިއްޔާއިން އަންގައިފިއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހާއްސަ ރަންޓީސީ ހޮސްޕިޓަލު ހުސްކުރަން އިސްރާއީލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލުގެ އިދާރާއަށް އަންގާފައި ވާކަމަށެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން އެހެން އަންގާފައި ވަނީ އެމީހުން އެ ހޮސްޕިޓަލަށް ބޮން އަޅަން ކަމަށް ބުނެފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އިސްރާއީލުން އަދި މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ރަންޓީސީ ހޮސްޕިޓަލަކީ އެމެރިކާއިން ފަންޑު ކުރާ ހޮސްޕިޓަލެކެވެ. އަދި އެ ހޮސްޕިޓަލަކީ ޣައްޒާގެ ހަމައެކަނި ކުޑަކުދިންގެ ކެންސަރު ވޯޑު ހުންނަ ހޮސްޕިޓަލެވެ. އިއްޔެ ވެސް އިސްރާއީލުން ވަނީ އެ ހޮސްޕިޓަލުގެ ކެންސަރު ވޯޑު ހުންނަ ފަންގިފިލާއަށް ވައިގެ ހަމަލާއެއް ދީފައެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ވަގުތު ރަންޓިސީ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 70 ކުޑަކުދިން ފަރުވާ ހޯދަމުން އެބަ ދެއެވެ. އަދި އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އެތައް ކުދިންނަކީ ހޮސްޕިޓަލުން ނެރެގެން އެހެންތާކަށް ގެންދެވޭ ފަދަ ހާލަތެއްގައި ތިބި ކުދިން ނޫން ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

ޣައްޒާގެ އުތުރުގައި ހުންނަ މި ހޮސްޕިޓަލުގައި މަގުމަތިވެފައިވާ ހާހެއްހާ މީހުން ހިޔާވަހިކަން ހޯދަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އިސްރާއީލުން މީގެ ކުރިން ޣައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދު ކޮށްލާފައި ވާއިރު، އޭ ފަހުންވެސް އިސްރާއީލުން ދަނީ ޣައްޒާގެ ހޮސްޕިޓަލު ތަކަށާއި، ހޮސްޕިޓަލުތަކުގެ ކައިރި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. އިސްރާއީލުން މެދުނުކެނޑި ދެމުން ގެންދާ ހަމަލާ ތަކުގެ ސަބަބުން މަގުމަތިވެފައިވާ އެތައް ހާސް ބަޔަކު ދަނީ ހޮސްޕިޓަލުތަކުގައި ހިޔާވަހިކަން ހޯދަމުންނެވެ.

އިސްރާއީލުން ހަމަލާދެނީ ހަމާސްގެ މުޖާހިދުންނަށް އަމާޒު ކޮށް ކަމަށް ބުނި ނަމަވެސް، އެ ހަމަލާތަކުގައި ޝަހީދު ވަމުންދަނީ އާންމުންނެވެ. އިސްރާއީލުން މެދު ނުކެނޑި ފަލަސްތީނުގެ ޣައްޒާއަށް ބޮން އަޅަމުންދާތާ މިއަދަށް އެއް މަސް ދުވަސް ވީއިރު، ޣައްޒާ އިން ޝަހީދު ކޮށްލި މީހުންގެ އަދަދު 10،022 އަށް އަރާއިރު، ޒަހަމްވި މީހުންގެ އަދަދު 25،408 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކިހާދެރަކަމެއް! މިވަރު ވާއިރުވެސް ޢަރަބި ވެރިން ކޯންޗެއް ބޮއިގެންތަ އެ ތިބެނީ؟

  2. ހެ

    މިފަހަރުވެސް ބޮށްއަޅާފަ މޮޅު ޑުރާމައެއް ކުޅިފަ އެހެންބައެއްގެ ބޮލުގަ އެތުހުމަތު އަޅުވާ. ކަލޭމެން ދައްކާވާހަކަތައް މީޑިޔާތަކުން ގެންނާނީ. އެއީ ކަލޭމެން ޕުރަމޯޓު ކުރަން ތިބޭބައެއް