ނިރުބަވެރި އިސްރާއީލުން ހަމަލާތައް ދެމުން އަންނަ ޣައްޒާގެ އެއްވެސް ސަރަހައްދެއް ރައްކާތެރި ނޫން ކަމަށް ޔުނައިޓެޑް ނޭޝަންސް (އދ) އިން ބުނެފިއެވެ.

އދ.ގެ ރިލީފް އެޖެންސީން ބުނެފައިވަނީ އެ އެޖެންސީގެ ހިޔާތަކުގައި ހިމާޔަތް ހޯދަމުން ދަނިކޮށް 66 މީހުން ޝަހީދު ނުވަތަ މަރުވެފައިވާ ކަމަށެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހިޔާވަހިކަން ހޯދަމުން ދަނިކޮށް 66 މީހަކު މަރުވެ ނުވަތަ ޝަހީދުވެފައިވާއިރު، އިތުރު 540 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އދ.ގެ ހިޔާވަހި ކަމުގެ ދަށުގައި ސުކޫލު ތަކުގައި ތިބި ރައްޔިތުން މަރާލާފައި ނުވަތަ ޝަހީދު ކޮށްލާފައިވާކަން ފާހަގަ ކުރަމުން އެ ޖަމިއްޔާއިން ބުނީ، އެފަދަ ތަންތަނަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން ހިމާޔަތް ކުރަން ޖެހޭ ތަންތަން ކަމުގައި ކަމަށެވެ.

އިތުރު 540 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޔޫއެންއާރުޑަބްލިއުއޭ އިން ބުނެފައިވާއިރު، ގެއްލުންތައް ލިބިފައިވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން ހިމާޔަތްކުރަންޖެހޭ ތަންތަނަށް ކަމަށާއި އެއަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް ވަނީ ބުނެފައެވެ.

ބަންދުކޮށްފައިވާ އެންކްލޭވްގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް %30 މީހުން ދިރިއުޅެމުން އައި ޣައްޒާއިން އެހެން ތަނަކަށް ފިލައިގެން ދިޔަ ރައްޔިތުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ ބޯޑެތި ޓޭންކަރު ތަކުގެ ސަބަބުން އެސިޓީއަށް ތޫފާނެއް އަރާނެ ކަމަށެވެ.

ޣައްޒާގެ ދެކުނުގައި ހުރި ތަންތަނަށް ހަމަލާދިނުމުގެ މަސައްކަތް ކުރުމަށް އިސްރާއީލު ސިފައިން ވަނީ މީގެ ކުރިން އެތަންތަން ހުސްކުރުމަށް އަންގާފައެވެ. އަދި އޭގެ ފަހުން މިހާރު ވަނީ އެސަރަހައްދުތަކަށް ހަމަލާތައް ދޭން ފަށާފައެވެ.

އިޒްރާއިލުން ހިންގަމުން ގެންދާ ގަތުލު އާންމުގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ދަނީ މީހުން ޝަހީދު ކުރަމުންނެވެ. އެގޮތުން މީހުން އެންމެ ގިނައިން އެއްވެ އުޅޭ ތަންތަންކަމަށްވާ ސުކޫލުތަކާއި، މިސްކިތްތަކާއި، ހޮސްޕިޓަލްތައް، އަދި ރެފިއުޖީ ކޭމްޕު ތަކަށް ދަނީ ހަމަލާދެމުންނެވެ. މިހަމަލާ ތަކުގެ ސަބަބުން އެތައްބަޔަކު ވަނީ ޝަހީދުވެފައެވެ.

މިހާތަނަށް މިހަނގުރާމައިގައި ޣައްޒާއިން 10،000 ހަށް ވުރެން ގިނަ މީހުން ވަނީ ޝަހީދު ނުވަތަ މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.