ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނުގެ ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ސާމާނު މިސްރަށް ފޮނުވައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްކޮށްލައިފައެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް އައިއިރު، 25،000 އަށް ވުރެ މައްޗަށް އަރައެވެ. އޭގެތެރޭގައި ހާލު ސީރިއަސްވެފައިވާ ގިނަ ބަޔަކު އެބަތިބިއެވެ. ޣައްޒާގައި ޒަހަމްވެފައިވާ ބައެއް މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާ އިރު، ގިނަ ހޮސްޕިޓަލެއްގެ ހިދުމަތްތައް ވަނީ ތެޔޮ ނެތިގެން ހުއްޓިފައެވެ.

ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް-ނަހްޔާން ވަނީ ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮޕަރޭޝަނެއް ފައްޓަވައިފައެވެ. އެގޮތުން ޔޫއޭއީގެ ފަސް ކާގޯ މަތިންދާ ބޯޓެއް ވަނީ މިސްރަށް ގޮސްފައެވެ. މި މަތިންދާ ބޯޓުގައި 150 އެނދަށް ބޭނުންވާ ހިދުމަތް ދެވޭ ވަރުގެ ވަސީލަތްތައް ހުންނާނެ ކަމަށްވެއެވެ.

މި ފީލްޑް ހޮސްޕިޓަލްގައި ސާޖަރީ ކުރެވޭ ވަސީލަތްތަކާއި އޯތޮޕެޑިކްސް، ޕެޑިއަޓްރިކްސް، ގައިނޮކޮލޮޖީ އަދި އިންޓެންސިވް ކެއާ ޔުނިޓާ ގުޅޭ ވަސީލަތްތައް ހިމެނެއެވެ.

ޔޫއޭއީ އިން ވަނީ ފަލަސްތީނުގެ 1،000 ކުޑަކުދިންނާއި އާއިލާއެއް، ޔޫއޭއީ އަށް ގެންގޮސް، އެ ގައުމުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ނިންމާފައިވާ ކަން އިއުލާންކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް 20 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ޔޫއޭއީން ބުނެފައިވެއެވެ.

އުރުދުން އިން މިދިޔަ އާދިއްތަ ދުވަހު ވަނީ ވައިގެ މަގުން ފަލަސްތީނުގެ ރައްޔިތުންނަށް ސިއްހީ އެހީގެ ސާމާނު ފޮށިގަނޑުތަކެއްގައި ވައްޓާލައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 4،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަވަށުމީހުން

    ދެން އެކެޑުނީ މިމީހުންގެ ޒިންމާ.. ހީވަނީ ފަލަސްތީނަށް ބޭނުންވަނީ ފައިސާ އާއި ބޭސްފަރުވާގެ ސާމާނުހެން..