ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ޒަހަމްވެފައިވާ ބައެއް މީހުންނަށް ފަރުވާ ނުދެވި މަރުވާން ދޫކޮށްލަން ޖެހޭ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެފިއެވެ.

އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްތަރ، މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ، އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން މިއަދަކީ ހޮސްޕިޓަލްތަކާއި ދެކޮޅަށް ހަނގުރާމަ ހިންގަމުން އަންނަ ދުވަހެއް ކަމަށާއި މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ބަލި މީހުންނާއި ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލުގެ ކޮރިޑޯތައް ފުރާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އޮޕަރޭޝަންތައް ނުކުރެވޭ ކަމަށެވެ. އަދި ބަލި މީހުން ބާއްވަން އެންމެ އެނދެއް ވެސް ނުފެންނަ ކަމަށާއި ސަލާމަތް ކުރަން ޖެހޭ މީހާ އަކީ ކޮބައިކަން ވެސް ގިނަ ފަހަރު ނޭނގޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަލްޖަޒީރާ ނޫހަށް މައުލޫމާތު ދިން ވަގުތު ވެސް އޭނާގެ ކުރިމަތީ މަރުވެފައިވާ 100 މީހުންގެ ހަށިތައް ތިބި ކަމަށެވެ.

އޭނާ ވިދާޅުވީ، މިވަގުތު ހޮސްޕިޓަލުގައި މަސައްކަތް ކުރެވެމުން އަންނަނީ ހަތަރު ސެކްޝަނެއްގައި ކަމަށެވެ. އެއީ އައިސީޔޫ، ކުޑަކުދިންގެ އިންކިއުބޭޓަރ ޔުނިޓް، އޮޕަރޭޝަން ތިއޭޓަރު އަދި ޑައިލިސިސް ޔުނިޓްކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި ޔުނިޓްތައް މަސައްކަތް ކުރިނަމަވެސް، ކަރަންޓް ނެތި އެ ޔުނިޓްތައް މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޔުނިޓްތައް ހުއްޓުމަކަށް ނައިސް ހިންގަން އަޅުގަނޑުމެން މިތިބީ ތެލަށް ވަރަށް ބޮޑަށް ބޭނުންވެފަ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ، އެތަކެއް ހާސް ބަޔަކު އެތަނުގައި ބޯހިޔާވަހިކަން ހޯދަމުން އަންނަ ކަމަށާއި އެމީހުން އެތަނުގައި ތިބި އިރު، ބޯނެ ފެންފޮދެއް އަދި ކާނެ އެއްޗެއް ނެތް ކަމަށެވެ. އަދި މިހާރު އޮތް ބިރަކީ ކޮންމެ ވަގުތަކު ވެސް ނިރުބަވެރިން ހޮސްޕިޓަލަށް ބޮން އަޅާފާނެކަން ކަމަށް އޭނާ ވަނީ ބުނެފައެވެ.