އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ގެއަކަށް ހަމަލާދީ 30 މީހަކު ޝަހީދުކޮށްލައިފިއެވެ

އަލްޖަޒީރާގެ ނޫސްވެރިޔާ ވައިލް އަލް ދަހްދޫހު ބުނިގޮތުގައި ޣައްޒާ ސިޓީގެ އަލް ދަރާޖް އަވަށުގައި ހުންނަ އަލްއަސާލީ އާއިލާއަށް ނިސްބަތްވާ ގެއަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން 30 މީހުން ވަނަި ޝަހީދުވެފައެވެ.

އަދި ބެއިޓް ލަހިޔާގައި އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރުގެ ސްކޫލެއްގައި ހިޔާވަހިކަން ހޯދަމުން ދިޔަ އާއިލާއެއްގެ ބައެއް މީހުން ޝަހީދުކޮށްލާފައެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަބޫ ސަލާހު އާއިލާއަށް ނިސްބަތްވާ އެތައް ބައެއްގެ ހަށިގަނޑެއް އިންޑޮނޭޝިއާގެ ހޮސްޕިޓަލް ކައިރީގައި އޮންނަ އަލެޕޯ ސްކޫލުގެ ކުޅިވަރު ދަނޑުގައި ބާއްވާފައި ތިއްބެވެ.

އަނެއްކޮޅުން ޣައްޒާގެ މެދުތެރޭގެ ވާދީ އަލް ސަލްކާ ސަރަހައްދުގައި އިސްރާއީލުން ގެއަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖުމުލަ އަދަދު މިހާރު 17،177 އަށް އަރާފައިވާ ކަމަށެވެ. އަދި 46،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެްވެސް ބުނެފައި ވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 350 މީހަކު ޝަހީދުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.