ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައި 17 ނޫސްވެރިން މަރާލީ މަސައްކަތުގައި އުޅެނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުންގެންދާ ހަމަލާތައް އަދިވެސް ހުއްޓުމަކަށް ނާދެއެވެ. ނިރުބަވެރިން ބުނާގޮތުގައި އިތުރު ދެ މަހަށް މި ހަނގުރާމަ ދެމިގެން ހިނގައިދާނެއެވެ.

ޕެރިހުގެ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) ޖަމާއަތުން އެކުލަވާލި އަހަރީ ރިޕޯޓުގައި ވާގޮތުން އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މަސައްކަތުގައި އުޅެނިކޮށް 17 ނޫސްވެރިއަކު ވަނީ މަރުވެފައެވެ.

އޭގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ ނޫސްވެރިންނާއި އަދި އެހެން ގައުމުަކަށް ނިސްބަތްވާ ނޫސްވެރިންވެސް ހިމެނެއެވެ.

އާރްއެސްއެފް އިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއަށް ފަހު މަރުވި ނޫސްވެރިންގެ ތެރެއިން 13 ނޫސްވެރިންނަކީ ޣައްޒާގައި ތިބި ނޫސްވެރިން ކަމަށެވެ.

"ޒިންމާއާ ގުޅުން ހުރި ކަން ސާބިތު ނުވާ ހާލަތްތަކުގައި މަރާލާފައިވާ ނޫސްވެރިންގެ ޖުމްލަ އަދަދު 63 އަށް ވަނީ އަރާފައި. އޭގެ ތެރޭގައި ޣައްޒާގެ 56 ނޫސްވެރިން ވެސް ހިމެނޭ.". އެ ޖަމާއަތުން ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ހަމަލާތަކުގައި ނޫސްވެރިންގެ އާއިލާތަކުގެ ގިނަ މެންބަރުންވެސް ވަނީ މި ދުނިޔެ ދޫކޮށްފައެވެ.