މިޔަންމާގެ ސަރުކާރާއި އިދިކޮޅަށް ހަނގުރާމަ ކުރަމުންދާ ބާޤީންގެ ޖަމާއަތަކުން އެ ގައުމުގެ އަވަށެއް އަނެއްކާ ވެސް ހިފައިފިއެވެ.

މިޔަންމާގައި އޮތް ޑިމެކްރެޓިކް ސަރުކާރު އަސްކަރީ ބަޤާވަތަކުން އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ 2021 ވަނަ އަހަރުގައި ވައްޓާލާފައެވެ. އޭރުން ފެށިގެން މިޔަންމާގެ އެކި ކަންކޮޅުތަކުގައި ހަމަ ނުޖެހުން ވަނީ އެފެދިފައެވެ. ނަމަވެސް ހަތިޔާރާއެކީ ހަރަކާތްތެރިވާން ފެށި ޖަމާއަތް ތައް އުފެދުމާއި އެކީ މިޔަންމާގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެ ބައެއް ސަރަހައްދުތައް ވަނީ އަސްކަރިއްޔާގެ ބާރުގެ ދަށުން ދޫވެފައެވެ. މީގެ ސަބަބުން އެ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި އަސްކަރިއްޔާ އިން ވަނީ ހަރުކަށި ބާރުގެ ބޭނުން ކޮންގެން ހަނގުރާމަ ކޮށްފައެވެ. އަދި ކުށެއް ނެތް އެތައް ހާސް ރައްޔިތުންނެއް ވަނީ މަރުވެފައެވެ.

ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ޝާން ސުޓޭޓް ގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިޔަންމާގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ހަނގުރާމަ މަތީ ޖަމާއަތެއް ކަމަށް ވާ ބުރަދަހުޑް އެލައިންސް އިން ވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަނަށް ހިންގައި އެ ސުޓޭޓްގެ ގިނަ އަވަށް ތަކެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ މި ގޮތުން އެންމެ ފަހުން ބުރަދަހުޑް ގުރޫޕުން ހިފީ ލައުއްކައި އަވަށެވެ. މި އަވަށަކީ މިޔަންމާގެ އަސްކަރިއްޔާ އަށް ވަފާތެރި ހަނގުރާމަމަތީ ޖަމާއަތަކުން ބާރު ހިންގާ އަވަށެކެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި އެކީ މިޔަންމާ އަނެއްކާ ވެސް މި ވަނީ އަސްކަރީ ހަމަނުޖެހުންތަކަކާއި ދިމާލަށް ދަތުރު ކުރަން ފަށާފައެވެ. މިޔަންމާ އަކީ ދާހިލީ ހަނގުރާމަ އަށް އައު ގައުމެއް ނޫނެވެ. ނަމަވެސް މި ފަހަރު އެކި ހަނގުރާމަ މަތީ ޖަމާއަތްތައް މި ދާހިލީ ހަމަނުޖެހުމުގައި ބައިވެރިވާތީ މިފަހަރު ދާހިލީ ހަނގުރާމަ ބޮޑު ވެއްޖެ ނަމަ މުޅި މިޔަންމާ އަށް ވެސް މީގެ ނޭދެވޭ އަސަރު އަސްކަރީ ގޮތުންނާއި މާލީ ގޮތުން ވެސް ކުރާނެއެވެ. މިޔަންމާގައި ވަނީ ރޮހިންގްޔާ މުސްލިމުންނާއި ދެކޮޅަށް ވަރަށް ބޮޑު ލާއިންސާނީ ޖަރީމާ އެއް ވެސް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު