ރަޝިއާ އާއި ޔޫކުރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކުން ޔޫކުރޭނަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމުގެ ތެރެއިން ޔޫކުރޭނަށް އެންމެ ފަހުގެ ޒަމާނީ ވައިގެ ޑިފެންސް ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ.

މި ފަހުގެ އެއަރ ސިސްޓަމް ޔޫކުރޭނަށް ހަދިޔާ ކޮށްފައި މިވަނީ ރަޝިއާ އިން ސުޕަސޮނިކް މިސައިލް ބޭނުން ކޮށްގެން ފުރާންސުން ހަދިޔާކުރި މޮޅު ސިސްޓަމެއް ހަލާކު ކޮށްލިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައެވެ.

މި ފަހުގެ ސިސްޓަމަކީ މިނަޓަކު 1000 ރައުންޑް ޖެހުމުގެ ގާބިލްކަން ލިބިފައިވާ ޒަމާނީ ސިސްޓަމެކެވެ. މި ސިސްޓަމުގެ ސަބަބުން ޔޫކުރޭނަށް އެ ގައުމުގެ ވައިގެ ސަރަހައްދަށް ރަޝިއާގެ އަސްކަރީ ޑްރޯން ތަކުންނާއި އަސްކަރީ މަތިންދާ ބޯޓު ތަކުގެ ފަރާތުން އަމާޒުވާ ވަރަށް ގިނަ ހަމަލާތައް ވަރަށް ބޮޑު ތަނުން މަދު ކުރެވޭނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް ރަޝިއާގެ ސުޕަސޮނިކް މިސައިލުތަކާއި ކުރިމަތިލެވޭނެ ފެންވަރާއި ގާބިލް ކަން މި ސިސްޓަމަށް ލިބިގެންވާކަން އެނގޭނީ އަސްކަރީ ހަރަކާތުގައި މި ސިސްޓަމް މަސައްކަތް ކުރާ ގޮތަކުން ކަމަށް ވެސް އަސްކަރީ ބޭފުޅުން ވިދާޅުވެއެވެ.

ޖަރުމަނުގައި އުފައްދާފައިވާ ސްކައިނެކްސް ސިސްޓަމަކީ ޖަރުމަނުވިލާތުގެ އަސްކަރިއްޔާގެ އެންމެ ފުރިހަމަ އެއް ސިސްޓަމެވެ. މި ސިސްޓަމު ބޭނުން ކޮށްގެން ރަޝިއާގެ ކުދި ރާސްތާ މިސައިލް ތައް ހުއްޓުވޭނެ ކަމަށް ވެސް ޖަރުމަނުވިލާތުން ބުނެއެވެ.

ޔޫކުރޭނާއި ރަޝިއާ އަކީ ކައިރި ކައިރީގައި އޮންނަ ދެ ގައުމު ކަމުން ރަޝިއާއިން މި ހަނގުރާމައިގައި ބޮޑަށް ބޭނުން ކުރަމުން ދަނީ ކުރު ރާސްތާ މިސައިލް ތަކެވެ.

މި ހަނގުރާމައިގައި ދެ ގައުމުން ވެސް ވަނީ އެތައް ހާސް ކުށެއް ނެތް އާންމު ރައްޔިތުން މަރުވެފައެވެ. ސުލްހައިގެ އުންމީދެއް ނެތް މި ހަނގުރާމައިގައި ރަޝިއާއިން ފުރަތަމަ ކޮޅުގައި ހިފި ބިންތައް ފިޔަވައި އިތުރު ކުރިއެރުމެއް ރަޝިއާ އަކަށް ވެސް ނުލިބެއެވެ. އަދި ޔޫކުރޭނު ވެސް ހުޅަނގުން ދޭ ބިލިއަން ޑޮލަރުގެ ހަތިޔާރާ އެކީ ވެސް މި ހަނގުރާމައިގައި މާ ބޮޑު ކާމިޔާބީ އެއް ހޯދާތަނެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިރުސައި.

    ޔޫކުރޭނަކީ ހަތިއާރުގެ އަޖުމަ ބެލުމަށް މިވަގުތު ދުނިޔޭގަ އޮތް އެންމެރަނގަޅު ބިން. އޭގެ ފައިދާ އެމެރިކާ އާއި ޔޫރަޕުން އަދި އިރާނާއި ރަސިއާއިން ވަރަށްރަނގަޅަށް ނަގައިފި.