އިންޑިއާގެ އެންމެ މުއްސަނދި މީހާގެ ލަގަބު ރިލަޔަންސް އިންޑަސްޓްރީގެ ވެރިޔާ މުކޭޝް އަންބާނީ އަށް ގެއްލިއްޖެއެވެ.

އިންޑިއާގެ އިތުރުން އޭޝިއާގެ ވެސް އެންމެ މުއްސަނދި މީހާގެ ލަގަބު އޮތް މުކޭޝް އަންބާނީ ފަހަތަށް ޖައްސާލާ އަދާނީ ގުރޫޕް އޮފް ކޮންޕެނީޒްސްގެ ޗެއަރޕާސަން ގޯތަމް އަދާނީ ވަނީ އިންޑިޔާގެ އެންމެ މުއްސަނދި މީހާގެ ލަގަބު އަނެއްކާ ވެސް ހޯދާފައެވެ.

ދުނިޔޭގެ މަހުޖަނުންގެ މައުލޫމާތު ހާމަކުރާ މަޖައްލާއެއް ކަމަށްވާ ބުލޫމްބާގް ގެ ބިލިއަނަރ އިންޑެކްސް ގައި ވާ ގޮތުން ގޯތަމް އަދާނީ މިހާރު ވަނީ ދުނިޔޭގެ 12 ވަނަ އަށް އެންމެ މުއްސަނދި މީހާ އަށް ވެފައެވެ. އޭނާ އާއި އެންމެ ވާދަކުރާ އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީ އޮތީ މި ލިސްޓުގެ 13 ވަނައިގައެވެ.

2023 ވަނަ އަހަރުގެ ފަހުކޮޅު ގޯތަމް އަދާނީގެ މިލްކިއްޔާތު ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެގޮތުން 2023 ވަނަ އަހަރުގައި އޭނާގެ މިލްކިއްޔާތަށް ވަނީ 13.3 ބިލިއަން ޑޮލަރު އިތުރު ވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް އޭނާގެ މިލްކިއްޔާތަށް 7.67 ބިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ބުލޫމްބާގް އިން ހާމަކޮށްފައިވެއެވެ.

މިހާރު ގޯތަމް އަދާނީގެ މިލްކިއްޔާތުގައި 97.6 ބިލިއަން އެމެރިކާ ޑޮލަރު ހުރި އިރު އޭނާ އާއި އެންމެ ވާދަކުރާ މުކޭޝް އަންބާނީގެ މިލްކިއްޔާތުގައި ހުރީ 97.2 ބިލިއަން ޑޮލަރެވެ. ގޯތަމް އަދާނީ އަށް ވަނީ 2023 ވަނަ އަހަރުގައި ވިޔަފާރީގައި ބޮޑެތި ގެންލުން ތަކެއް އަހަރުގެ މެދުތެރެއިން ދިމާވެފައެވެ. އެ ގޮތުން އެމެރިކާގެ އޮޑިޓް ފާމެއް ކަމަށްވާ ހިޑެންބާގް އިން ނެރުނު އޮޑިޓް ރިޕޯޓަކާއި ގުޅިގެން އެ ކުންފުނީގެ ހިއްސާދާރުންގެ އިތުބާރު ކުންފުންޏަށް ގެއްލި ކުންފުނީގެ ހިއްސާގެ އަގު ހިއްސާގެ ބާޒާރުގައި ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މީގެ ސަބަބުން އަދާނީގެ މިލްކިއްޔާތުން ބޮޑު އަދަދެއް އޭނާ އަށް ގެއްލުނެވެ.

އަދާނީގެ މިލްކިއްޔާތު މި އުފުލުނީ އިންޑިޔާގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ. ހިޑެންބާގް އާއި ދެކޮޅަށް އަދާނީ ގުރޫޕް އޮފް ކޮންޕެނީޒްސް އިން ވަނީ ދޮގު މައުލޫމާތު ފެތުރި ކަމުގެ ދައުވާ ކޮށްފައެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ނިންމީ އަދާނީ އާއި އެއްކޮޅަށެވެ. މީގެ ސަބަބުން އަދާނީ ގުރޫޕް އޮފް ކޮންޕެނީޒްސްގެ ހިއްސާތަކުގެ އަގުވަނީ ހިއްސާގެ ބާޒާރުގައި ވަރަށް ބޮޑަށް އަރައިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު