ބްރިކްސް ގައުމުތަކުން އެމެރިކާ ޑޮލަރު ދޫކޮށްލާ ވިޔަފާރި ކުރުމުގައި އައު ފައިސާ އެއް ބޭނުން ކުރުމަށް އެ ޖަމިއްޔާގެ މެންބަރު ގައުމެއް ކަމަށްވާ އިރާނުން ގޮވާލައިފިއެވެ.

ބްރިކްސް އަކީ ރަޝިއާ އާއި ޗައިނާ އިސްވެ އޮވެ އުފެއްދި މާލީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދަކީ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ހަރުދަނާ އުސޫލެއްގެ މަތިން ދެމެހެއްޓުމާއި، މެންބަރު ގައުމުތަކަށް އިންވެންސްޓް ކުރާނެ އިންވެސްޓަރުން ހޯދުމަށް މަގުފަހި ކުރުމެވެ.

މިހާރު މި ޖަމިއްޔާ ފުޅާވެ ބޮޑުވަމުން ގޮސް ދެކުނު އެފްރިކާ އާއި އިންޑިއާ އަދި ބްރެޒިލް ފަދަ ދުނިޔޭގައި ކުރިއަރަމުން އަންނަ ބޮޑެތި އިގުތިސޯދީ ބާރުތަކުން ވަނީ މި ޖަމިިއްޔާގެ މެންބަރު ގައުމުތަކަށް ވެފައެވެ.

އަދި އިގުތިސޯދީ ގޮތުން ކުރިއަރަމުން އަންނަ އެހެން ގައުމުތަކާއި ދުނިޔޭގެ މުއްސަނދި ގައުމުތަކުން ވެސް ވަނީ މިހާރު މި ޖަމިއްޔާގެ މެންބަރު ގައުމުތަކަށް ވެފައެވެ. އެގޮތުން އިރާނާއި ސައޫދީ އަރަބިއްޔާގެ އިތުރުން މިސްރާއި އެކުވެރި އަރަބި އިމާރާތް ވެސް ވަނީ މި މާލީ އިއްތިހާދާއި ގުޅިފައެވެ.

މި އިއްތިހާދުގައި ހިމެނޭ ގިނަ ގައުމުތަކުން މިހާރު ތެލާއި އެހެނިހެން ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ.

އެ ގޮތުން ޗައިނާ އަދި ރަޝިއާ އިން ވަނީ ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތް ތަކުގައި އަމިއްލަ ގައުމުގެ ފައިސާ ބޭނުން ކުރަން ނިންމާ އެ ގޮތަށް އަމަލުކުރަންވެސް ފަށާފައެވެ.

މި އިއްތިހާދުގައި ހިމެނޭ އިރާނުން ގޮވާލާފައި ވަނީ ބްރިކްސްގެ ގައުމުތަކުގެ މެދުގައި އަމިއްލަ ފައިސާ އެއް ބޭނުން ކުރުން މުހިއްމު ކަމަށެވެ. މި ފައިސާ ވާނީ ހަމަ އެކަނި މެންބަރު ގައުމުތަކުން ކުރާ ވިޔަފާރީގައި ބޭނުން ކުރަން ހަދާ ފައިސާ އަކަށް ކަމަށް ވެސް އިރާނުން ބުނެއެވެ. މީގެ ސަބަބުން ބްރިކްސްގެ ގައުމުތަކުގެ މާލީ ބާރު އިތުރު ވެގެން ދާނެ ކަމަށް ވެސް އިރާނުން ބުނެއެވެ.

އިރާނުން ވެސް ވަނީ ތެލުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުން ކުރުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު