އަރަބި ކަނޑުން ދަތުރު ކުރަނިކޮށް ހައިޖެކް ކުރުމަށް މަސައްކަތް ކުރި ލައިބީރިއާގެ ބޯޓަކަށް އިންޑިއާ ސިފައިން އަރައި އޭގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން ބުނީ އެމްވީ ލިލާ ނޯފޯލްކް ހައިޖެކް ކުރަން އުޅުނީ އޭގައި 21 ކްރިއު މެމްބަރުން ތިއްބާ ކަމަށެވެ. އެ މީހުންގެ ތެރޭގައި 15 އިންޑިއާ ރައްޔިތުން ވެސް ހިމެނޭ ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިން ހާމަކޮށްފައިވެއެވެ. މި އެންމެން ވެސް ވަނީ ސަލާމަތްކޮށްފައެވެ.

އެ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ ސޯމާލިއާގެ އައްސޭރިއާ ހަމައިން އެހީގެ ސިގުނަލު ފޮނުވަން ފެށުމުންނެވެ. އެ ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތް ކޮށްފައި ވަނީ އިންޑިއާގެ އަސްކަރީ މަނަވަރު، އައިއެންއެސް ޗެންނާއީ އާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއްގެ އެހީގައެވެ.

އެމްވީ ލީލާއިން ވަނީ ބަޔަކު އެ ބޯޓަށް އަރައި ހައިޖެކް ކުރަން އުޅޭ ކަމަށް ބުނެ އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ޕޯޓަލްއަށް ވެސް އެހީގެ މެސެޖް ފޮނުވައިފައެވެ. އެ ބޯޓަށް ހަތިޔާރު އެޅި ބަޔަކު އެރި ނަމަވެސް އިންޑިއާ ސިފައިން ބުނީ އެ ބޯޓަށް އަރައި ބެލި ނަމަވެސް ހަތިޔާރު އެޅި ބަޔަކު ނެތް ކަމަށެވެ.

އެމްވީ ލީލާއަކީ ބަހްރެއިނަށް ދަތުރު ކުރި ބޯޓެކެވެ.

ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑު ސަރަހައްދުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެ، އެ ކަނޑުގެ ކޮންޓްރޯލް ވެސް ނަގަމުން އަންނާތީ ހުޅަނގުގެ ގައުމުތަކުން ވަނީ ކަންބޮޑުވެފައެވެ. ހޫތީ ހަނގުރާމަވެރިން ބުނަމުން އަންނަނީ ރަތް ކަނޑުގެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ ކޮންމެ އުޅަނދަކަށް ހަމަލާ ދޭނެ ކަމަށެވެ.

ހޫތީގެ މި އިންޒާރުތަކާ ގުޅިގެން އެމެރިކާ އިން ވެސް ވަނީ ރަތް ކަނޑު ސަރަހައްދަށް ކަނޑުގެ އުޅަނދުތަކެއް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު