ފިލިޕީންސް އިން ދެކުނު ޗައިނާ ކަނޑުގައި އެ ގައުމުގެ ސަރަހައްދީ އިމުގެ ތެރޭގައި ރަށް ތަކެއް ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފިލިޕީންސް އިން ބުނެފިއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ފިލިޕީންސްގެ އަސްކަރިއްޔާގެ ވެރިޔާ ރޮމިއޯ ބުރޫނާ ވިދާޅުވެފައިވަނީ ދެކުނު ޗައިނާ ކަނޑުގައި އެ ގައުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭ ކަނޑުގެ އިމުގެ ތެރޭގައި އައު ރަށްތަކެއް ހިއްކުމަށް ނިންމާފައިވާ ކަމަށެވެ. މި ރަށްތައް ހިއްކަނީ އެ ސަރަހައްދުގައި ގާއިމުވެ ތިބޭ ފިލިޕީންސްގެ ސިފައިންނަށް ފަސޭހައިން ހަރަކާތްތެެރިވެވޭނެ މަރުކަޒުތަކެއްގެ ގޮތުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

" އަހަރެމެންގެ ސަރަހައްދީ އިމުގެ ތެރޭގައި 9 ރަށް މިހާރު ވެސް އެބައޮތް ދެކުނު ޗައިނާ ކަނޑުގައި. އަހަރެމެން ބޭނުން މި ރަށްތައް ވެސް ތަރައްގީ ކޮށް ސިފައިންނަށް މިތަންތަނުގައި ފަސޭހައިން އުޅެވޭނެ ގޮތްތައް ހަދައިދޭން." ފިލިޕީންސްގެ އަސްކަރީ މައި މަރުކަޒުގައި އެ ގައުމުގެ ރައީސް ފާޑިނެންޑް މާކޮސް ޖޫނިއަރ ވެސް ބައިވެރިވަޑައިގެން ބައްދަލުވުމެއް ނިންމަވާލައްވާފައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސިފައިންގެ ވެރިޔާ ރޮމޭރޯ ވިދާޅުވިއެވެ.

ފިލިޕީންސް އިން ދަނީ އެ ރަށްތަކުގައި ކަނޑު ފެން ބޭނުން ކޮށްގެން ސާފު ބޯފެން އުފައްދާ ޑިސްޓިލޭޝަން މެޝިންތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ އެ ކަނޑުގައި ހަރަކާތްތެރިވާ ފިލިޕީންސްގެ އަސްކަރީ މަނަވަރު ތަކުގައި ތިބޭ ސިފައިން ބޭނުން ކުރުމަށް ފެން ލިބޭނެ ފަސޭހަ މަގެއް ހޯދުމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ރަށްތަކާއި ކަނޑުގެ ސަރަހައްދީ އިމާއި ދޭތެރޭ ފިލިޕީންސާއި ޗައިނާ އާއި ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތު ވެފައެވެ. އެ ކަމުގެ ސަބަބުން ޗައިނާ އާއި ފިލިޕީންސްގެ ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ދެ ގައުމުގެ ކަނޑުގެ ސިފައިންގެ އަސްކަރީ އުޅަނދުތަކުގެ ދެމެދުގައި ވެސް ވަނީ ކުދިކުދި ކުރިމަތިލުން ތައް ހިނގާފައެވެ. ފިލިޕީންސްގެ ސަރުކާރުގެ މި ނިންމުމާއި ގުޅޭ ގޮތުން ޗައިނާ އިން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.