ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަނިކޮށް އިސްރާއީލްގެ އިތުރު ދެ ނިރުބަވެރިއަކު މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގެ ތެރޭގައި ހަނގުރާމަ ކުރަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި މަރާލާފައި ވަނީ ދެ ރިޒާވް ސިފައިންނެވެ. މިއާއެކު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 192 އަށް އަރައިފައެވެ.

ޣައްޒާގެ އުތުރުގައި ހަނގުރާމަ ކުރަމުން ދަނިކޮށް މަރާލާފައި ވަނީ އާމޯޑް ބްރިގޭޑްސްގެ 87 ވަނަ ބެޓަލިއަންގައި ހިމެނޭ ދެ ސިފައިންގެ މީހުން ކަމުގައިވާ މާސްޓާ ސާޖަންޓް ޕެސަކް ހަބާ 32، އަދި ސާޖަންޓް މޭޖާ، ޔައިރް ކަޒް 34، އެވެ. މި ދެ މީހުން މަރާލި އިރު ރިޒާވް ސިފައިންގެ ގޮތުގައި މަސައްކަތް ކުރާ އިތުރު ދެ ސިފައިންގެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދުގައި މިއަދު ވެސް ޣައްޒާގެ އެކި ހިސާބުތަކުގައި ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި، އެއްގަމު މަގުން އަރައިގަތީ ހަމާސް އިން މި މަހުގެ 7 ވަނަ ދުވަހު ދިން ކުއްލި ހަމަލައާ ގުޅިގެންނެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އަރައި 1،200 މީހުން މަރާލިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ހަމަލާ ދޭން ޖެހުނީ ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުން އަންނަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަސްޖިދުލް އަޣްސާގެ ހުރުމަތް ކަނޑާލުމާއި ފަލަސްތީނުގެ ރައްޔިތުން ކުށެއް ނެތި ހައްޔަރު ކުރުމަކީ ހަމާސް އަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

އިސްރާއީލުން މިހާރު ވަނީ ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން ހަނގުރާމަ ކުރަމުންދާ އިރު، އެއްގަމު މަގުން އަރައިގެން އިސްރާއީލްގެ އަސްކަރިއްޔާ އަށް ލިބޭ ގެއްލުން ވަރަށް ބޮޑެެވެ. އެގޮތުން މިހާތަނަށް އައިއިރު އޮކްޓޯބަރު 7 ގެ ފަހުން ޖުމްލަ 500 އަށް ވުރެ ގިނަ ސިފައިން މަރާލައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.