ރަޝިއާ އާއި ޔޫކުރޭނުގެ ދެމެދުގައި 2022 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި ރަޝިއާ އިން ހިފާފައިވާ ޔޫކުރޭނުގެ ބިން ތައް ދެން އަނބުރާ އަތުނުލެވޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޓީވީގެ ޒަރިއްޔާ އިން ގައުމާއި މުހާތަބު ކުރައްވަމުން ރައީސް ޕޫޓިން ވިދާޅުވީ މިހާރު ރަޝިއާ އާއި ޔޫކުރޭނުގެ ދެމެދުގައި ސުލްހަ ގާއިމުކުރަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އެއީ ޔޫކުރޭނުން ސުލްހައަށް ލޯބި ނުކުރާތީއާއި ހުރަސް ކުރަން ނުޖެހޭ އެތައް ރަތް ރޮނގެއް ޔޫކުރޭނުން ހުރަސް ކޮށްފައި ވާތީ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ ޔޫކުރޭނުގެ އަސްކަރިއްޔާގަައި ރަޝިއާ އާއި ކުރިމަތިލާނެ ހިތްވަރު ނުހުންނާނެ ކަމަށާއި ހަނގުރާމަ ދިގުލައިގެން ދާނަމަ ޔޫކުރޭނުގެ މުޅި އަސްކަރިއްޔާ ފުނޑިގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި ރަޝިއާ އިން އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ޔޫކުރޭނުން ރަޝިއާގެ ސިފައިން ނުފައިބާނެ ކަމަށާއި، ރަޝިއާ ސިފައިން ބޭރު ކުރުމުގެ ހިތްވަރެއް ވެސް ޔޫކުރޭނުގެ އަސްކަރިއްޔާގައި ނުހުންނާނެ ކަމަށް ރައީސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ޔޫކުރޭނުން ރަޝިއާ ސިފައިން ބޭރު ކުރަން އެ ގައުމުގެ ސިފައިން ހިންގި ކައުންޓަރ އޮފެންސިވް ނާކާމިޔާބު ކޮށްލައިފައިވާ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމައިގެ ހުރިހާ ބާރެއް މިހާރު ކޮންޓްރޯލް ކުރަނީ ރަޝިއާގެ އަސްކަރިއްޔާ އިން ކަމަށާއި މިކަން މިހެން ކުރިއަށްދާނަމަ ޔޫކުރޭނު މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް އޮތުމަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ ރައީސް ޕޫޓިން ވަނީ ނުރައްކާތެރި އިންޒާރެއްވެސް ޔޫކުރޭނަށް ދެއްވާފައެވެ.