އެމެރިކާ އިން އިސްވެ ޔަމަނުގައިވާ ހޫތީންގެ މަރުކަޒުތަކަށް ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް ރަޝިއާ އިން ގޮވާލައިފިއެވެ.

ރަތް ކަނޑުގައި ދަތުރުކުރަމުންދާ އެކި ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާތައް ދެމުން ގެންދާތީ އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ޔަމަނުގައި ހުންނަ ހޫތީންގެ އެކި މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ.

ރަޝިއާ އިން ބުނެފައިވަނީ އެމެރިކާ އިން ދެމުން ގެންދާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށްފަހު ރަތް ކަނޑުގެ މައްސަލައަށް މަޝްވަރާގެ ދަށުން ހައްލެއް ހޯދުން މުހިންމު ކަމަށެވެ. އެހެންނޫންނަމަ މެދުއިރުމަތީގައި އަނެއްކާ ވެސް ބޮޑު ހަމަނުޖެހުންގަނޑެއް އުފެދި ހަނގުރާމައެއްގެ ހުޅުގަނޑު ފެތުރިދާނެ ކަމަށް ރަޝިއާ އިން ބުނެފައި ވެއެވެ.

ރަޝިއާ އިން ބުނެފައިވަނީ ހޫތީންނަށް އެމެރިކާ އަދި އިނގިރޭސިވިލާތުން ގިނައިން ހަމަލާދޭ ވަރަކަށް ސުލްހައިގެ ވާހަކަތަކުގެ މަޝްވަރާއަށް ހޫތީން ގެންނަން އުދަނގޫ ވާނެ ކަމަށެވެ. ހޫތީން ވެސް ބަދަލުހިފުމުގެ ގޮތުން ހަމަލާތައް އިތުރުކޮށްފި ނަމަ އޭގެ ގެއްލުން ހުރިހާ ފަރާތްތަކަށް ވެސް ވާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ މުގައްދަސް ބިމުގައި ޔަހޫދީ އިސްރާއީލުގެ ޣައިރުޤާނޫނީ ދައުލަތުން ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅު ހެދުމުގެ ގޮތުން ރަތް ކަނޑުން އިސްރާއީލަށް ދަތުރު ކުރަމުންދާ އަދި އިސްރާއީލާއި ގުޅުން ހުރި ކާގޯ ބޯޓުތަކަށް ހޫތީން ހަމަލާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރަތް ކަނޑުގައި ދަތުރުކުރާ އެތައް ބޯޓަކަށް ހޫތީން ވަނީ އެންޓި ޝިޕް މިސައިލް ބޭނުން ކޮށްގެން ހަމަލާތައް ދީފައެވެ.

ހޫތީ ހަނގުރާމަވެރިން ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭހާ ހިނދަކު، އިސްރާއީލަށް ވާގިވެރިވާ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށެވެ.