އެސްޓޯނިއާގައި ޖާސޫސް ކުރާ ކަމުގެ ތުހުމަތުގައި ރަޝިއާގެ ޕްރޮފެސަރަކު ހައްޔަރުކޮށް ޖަލަށް ލައިފިއެވެ.

އެސްޓޯނިއާގެ ޔުނިވާސިޓީ އޮފް ޓާޓު ގައި އިންޓަނޭޝަނަލް ޕޮލިޓިކަލް ތިއަރީ ކިޔަވައިދެމުން ދާ ވިއަޗެސްލަވް މަރްޒޯވް ހައްޔަރު ކޮށްފައިވަނީ އޭނާ ރަޝިއާ އަށް ޗުއްޓީއަށް ގޮސް، ރަޝިއާގެ ޖާސޫސީ އިދާރާތަކަށް މައުލޫމާތު ހިއްސާކޮށްފައި ވާތީ އެސްޓޯނިއާގެ އިންޓާނަލް ސެކިއުރިޓީ ސާވިސް އިންނެވެ. މި ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު އޭނާ ހައްޔަރު ކުރި ނަމަވެސް މީޑިއާ ތަކަށް މި ހަބަރު ލިބިފައިވަނީ އިއްޔެ އެވެ.

މި ހައްޔަރާއި ގުޅިގެން ޔުނިވާސިޓީ އޮފް ޓާޓު އިން ބުނެފައިވަނީ މި ހާދިސާ އިން ވެސް ސިފަވެގެންދަނީ އެސްޓޯނިއާގައި ގާއިމްވެފައިވާ ޑިމޮކްރެޓިކް ރީތި ސިފަތައް ހަލާކު ކޮށްލަން ރަޝިއާ އިން މަސައްކަތް ކުރާ ކަން ކަމަށެވެ. އަދި ރަޝިއާގެ މި ނުބައި ނިޔަތް ކުރިއަށް ގެންދަން އެ ޔުނިވާސިޓީގެ ޕްރޮފެސަރަކު މަސައްކަތް ކުރުމަކީ އެ ޔުނިވާސިޓީން ނިހާޔަތަށް ހިތާމަކުރާ ކަމެއް ކަމުގައި ވެސް ޔުނިވާސިޓީން ވަނީ ބުނެފައެވެ.

ޔުނިވާސިޓީ އޮފް ޓާޓުގައި ޕްރޮފެސަރު ވިއަޗެސްލޭވް މޮރޮޒޯވް އާއި އެކީ މަސައްކަތް ކުރާ އެހެން ޕުރޮޕެސަރުން ވަނީ ޔުނިވާސިޓީން މިހާ އަވަހަށް އޭނާ އާއި ގުޅުން ކަނޑާލުމުން އެކަމަށް ފާޑުކިޔާފައެވެ. އެއީ އޭނާގެ މައްޗަށް އަދި ކުރެވެނީ ތުހުމަތު ތަކެއް ކަމުންނާއި އަދި އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ދައުވާ އެއް ސާބިތުވެފައިވާ ކަމަށް ނިންމާފައި ނުވާތީ އެވެ.

މީގެ ކުރިން ޕުރޮފެސަރު މޮރޮޒޯވް ވަނީ ރަޝިއާ އިން ޔޫކުރޭނަށް ހަމަލާދިނުމަކީ ގޯހެއް ކަމަށް އޭނާގެ ފޭސްބުކް އެކައުންޓްގައި ބުނެފައެވެ. އަދި ރަޝިއާ އާއި ޔޫކުރޭނުގެ ދެމެދުގައި ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް އެހެން ގައުމުތަކުން މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.