ތުރުކީވިލާތުގެ ވަރުގަދަ ސްޓީލް ކުންފުނި ޓޮސްޔާލީ ހޯލްޑިންގްސް އިން ސައުދީ އަރަބިއްޔާގައި 5 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްމެންޓެއް ކުރަން ތައްޔާރު ވެއްޖެއެވެ.

ސައުދީ އަރަބިއްޔާ އާއި ތުރުކީވިލާތާއި ދެމެދު އަބަދުވެސް ހާރިޖީ ގުޅުން ގޯހެވެ. ހާއްސަކޮށް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލުމާއި ގުޅިގެން މި ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ. އަދި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން ވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަކީ ގާތިލެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކަވާފައެވެ.

ނަމަވެސް މެދުއިރުމަތީގެ ސިޔާސީ ދާއިރާ އަށް އަންނަމުންދާ ބަދަލުތަކާއި އެކީ މި ދެ ގައުމުން ވެސް މިހާރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކޮށްފައެވެ. އަދި ދެ ގައުމުގެ ކުންފުނިތަކަށާއި ބޭންކުތަކަށް އެއް ގައުމު އަނެއް ގައުމުގައި އިންވެސްޓްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ތުރުކީގެ ސްޓީލް ކުންފުނި ޓޮސްޔާލީ ހޯލްޑިންގްސް ގެ ވެރިޔާ ވަނީ ސައުދީ އަރަބިއްޔާ ގައި ސްޓީލް ޕްލާންޓެއް އަޅަން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާކަން ހާމަކޮށްފައެވެ. މިކަން އޭނާ ހާމަ ކުރީ ސުވިޒަލޭންޑުގެ ޑަވޮސްގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައެވެ.

ތުރުކީގެ ސްޓީލް ކުންފުނި ޓޮސްޔާލީ ހޯލްޑިންގްސް އިން ބޭނުންވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރާށެވެ. އެގޮތުން ވަރަށް ފަހުން އެ ކުންފުނިން ވަނީ ޔޫރަޕުގައި އެކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ޓަކައި ސްޕެއިންގެ ބައިކާ ސްޓީލް ކުންފުނި ވެސް ގަނެފައެވެ. އަދި މިހާރު އަލްޖީރިއާ އާއި އެފްރިކާ ބައްރުގެ އެންގޯލާ އަދި ސެނަގާލް ގައިވެސް އެ ކުންފުނިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާޒް

    މަ ހީކުރީ ރާއްޖޭގައި ކަމަށް ތުރުކީއިން ދެން ފެކްޓުރީ އަޅާނީ.

  2. ފާޒް

    މަ ހީކުރީ ރާއްޖޭގައި ކަމަށް ތުރުކީއިން ދެން ފެކްޓުރީ އަޅާނީ. ...