ފެބުރުއަރީ 8 ވަނަ ދުވަހު އޮންނަ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރެއްވުމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހުށައަޅާފައިވާ ލިޔެކިޔުންތައް ބަލައިނުގަންނަން ނިންމާފައިވާ ނިންމުން ޕާކިސްތާނުގެ ހައިކޯޓުން ދަމަހައްޓައިފިއެވެ.

ކޯޓުގެ އެ ހުކުމާއެކު އިމްރާން ޚާންގެ އިންތިހާބުގެ ހުވަފެން ނިމުމަކަށް އިސް އިމްރާން ޚާން މިވަނީ އިންތިހާބުގެ ރޭހުން ބޭރުވެފައެވެ.

ކޯޓުން ދަމަހައްޓާފައިވަނީ އެންއޭ-122 އަދި އެންއޭ-89 ދާއިރާތަކަށް ކުރިމަތިލުމަށް ހުށައަޅާފައިވާ ފޯމު ބަލައިނުގަންނަން ނިންމާފައިވާ ނިންމުމެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނެފައިވަނީ އިމްރާންގެ ފޯމު ބާތިލު ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އިމްރާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު ގައުމުތަކުގެ ވެރިން ދީފައިވާ އަގުބޮޑެތި ހަދިޔާތަކުގެ މައުލޫމާތު ސިއްރުކުރި މައްސަލައިގައި ހުކުމް ކޮށްފައިވުމުންނެވެ. އެ މައްސަލައިގައި އިމްރާންގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެެއްވެސް އިއްވާފައެވެ.

އޭގެ އިތުރުން އެންއޭ-122 ދާއިރާއަށް އިމްރާނު ހުށައެޅި ފޯމު ބާތިލުކޮށްފައިވަނީ އިމްރާނަކީ އެ ދާއިރާއަށް ވޯޓުލެވޭ ފަރާތެއް ކަމުގައި ނުވާތީއެވެ.

ޕާކިސްތާނުގެ ހައިކޯޓުން އެ ނިންމުން ދަމަހައްޓާފައި މިވަނީ އިމްރާން ހުށައެޅި ފޯމް ރިޓާނިން އޮފިސަރުން ބާތިލު ކުރުމުން، ފޯމް ބަލައިގަތުމަށް އެޕެލޭޓް ޓްރައިބިއުނަލް އަށް އިމްރާން ހުށައެޅުމުން ފޯމު ބަލައިގަންނަން ދެކޮޅު ހެދުމުން އިމްރާން ގެ ފަރާތުން ހައިކޯޓަށް ޕެޓިޝަނެއް ހުށައެޅުމުންނެވެ.

ކޯޓުގެ އަޑުއެހުމުގައި އިމްރާނުގެ ވަކީލުން ބުނެފައިވަނީ ކެންޑިޑޭޓެއް ޑިސްކޮލިފައި ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެ ކަމަށެވެ.