ރަތް ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް ޔަމަނުގެ ހޫތީން ހިފަހައްޓާފައި އޮތް އާގު ބޯޓަކަށް އަރައި ވީޑިއޯ އެއް ޓިކްޓޮކަށް އަޕްލޯޑުކުރި ފަހުން ޔަމަނުގެ ޒުވާން ޓިކްޓޮކް ތަރިއެއް ވީނުވީ އެއް ނޭނގި ގެއްލިއްޖެއެވެ.

މީސް މީޑިއާ ގެ މަގުބޫލު މަންސަ ޓިކްޓޮކްގައި ހަރަކާތްތެރިވަމުން އަންނަ ޔަމަނުގެ ޒުވާން ހުނަރުވެރިޔާ ރާޝިދް އަލް ހައްދާދު ވަނީ ހޫތީން ހިފަހައްޓާފައިވާ އެ ބޯޓުގެ ވަށައިގެން ދަތުރުކޮށް ވީޑިއޯތަކެއް ނަގާފައެވެ. އަދި އެ ބޯޓަށް އަރައިގެންވެސް އޭނާ ވަނީ ވީޑިއޯތަކެއް ނަގައި އޭނާގެ މީސް މީޑިއާގައި އެ ވީޑިއޯތައް އާންމު ކޮށްފައެވެ.

ޓިމްހޯތީ ޗަލަމެޓް ގެ ނަމުން މަޝްހޫރުވެފައިވާ މީސްމީޑިއާގެ ތަރީގެ އިންސްޓްގުރާމް ގައިވެސް ހޫތީން ހިފަހައްޓާފައިވާ ބޯޓުގެ ވަރަށް ގިނަ ވީޑިއޯތައް އެބަ ހުއްޓެވެ. އޭނާގެ އެއްވެސް ވީޑިއޯ އެއްގައި ހޫތީންގެ އެއްވެސް ހަނގުރާމަވެރި އެއް ނުފެނެއެވެ.

އަލް ހައްދާދްގެ ވީޑިއޯ އާއި އޭނާގެ އެކައުންޓް ޓިކްޓޮކުން ގެއްލިފައިވާ އިރު، އޭނާގެ އިންސްޓަގުރާމް އެކައުންޓް އެކްޓިވް ނަމަވެސް އޭގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އޭނާ އެއްވެސް އެއްޗެއް ޕޯސްޓް ކޮށްފައެއް ނުވެއެވެ.

އޭނާ އަކީ ދުވާލެއްގެ މައްޗަށް އިންސްޓަގުރާމް ގައި އެތައް ވީޑިއޯ އެއް އޭނާގެ ސުޓޯރީގެ ގޮތުގައި ޕޯސްޓުކުރާ ފަރާތެކެވެ. އަލް ހައްދާދު އޭނާގެ ޓިކްޓޮކްގެ އެކައުންޓް ޑިލީޓްކޮށްލީ ކަމެއް ނުވަތަ ޓިކްޓޮކުން އޭނާގެ އެކައުންޓް ޑިލީޓްކޮށްލީ ކަމެއް ސާފު ނުވާ ކަމަށް ބިޒްނަސް އިންސައިޑާ ނޫހުން މައުލޫމާތު ދެއެވެ.

އާންމު އުސޫލެއްގެ ދަށުން ހަނގުރާމަ މަތީގެ އަމަލުތަކާއި އެހެނިހެން އާންމު މުޖުތަމައުގެ މިންގަނޑުތަކާއި ހިލާފް ވީޑިއޯތަކާއި އެކައުންޓުތައް ޓިކްޓޮކުން ޑިލީޓް ކޮށްލައެވެ. ބިޒްނަޒް އިންސައިޑާ ނޫހުން ވަނީ މި ކަމުގެ މައުލޫމާތު ހޯދަން ޓިކްޓޮކްގައި އެދިފައެވެ.

އަލް ހައްދާދު އަކީ އޭނާގެ ރީތިކަމުން އޭނާއަށް ތަރުހީބުދޭ ވަރަށް ގިނަ މީހުންގެ ހިތްތައް އަތުލާފައިވާ ފަންނާނެކެވެ. ނަމަވެސް ބައެއް މީހުން ވަނީ އޭނާގެ ޓިކްޓޮކްތަކުގައި ހޫތީން މޮޅު ކޮށްފައިވާ ކަމަށާއި ހޫތީންނަށް އޭނާ ތަރުހީބުދޭ ކަމަށް ބުނެފައެވެ. މި ކަމުގެ ސަބަބުން ކުރިން ވެސް އޭނާ އަށް ވަނީ ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައެވެ.